ޚަބަރު

ޓޫރިސްޓު ހޮޓަލާއި ގެސްޓްހައުސް އަޅަން ގއ. ވިލިނގިލިން 11 ބިމެއް ކުއްޔަށް ދޫކުރަނީ


  • މި ބިންތައް ކުއްޔަށް ދޫކުރަނީ 15-35 އަހަރުގެ މުއްދަތަކަށް

ގއ. ވިލިނގިލީގެ ދެކުނު ފަރާތުގައި ގެސްޓްހައުސްތަކާއި ހޮޓާތައް ތަރައްގީކުރަން 11 ބިމެއް ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ވިލިނގިލީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އެރަށުގައި ފަތުރުވެރުކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިމެއް ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުން ހުރި ކަންކަން ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ނިންމާފައިވާކަމަށެެވެ. އަދި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމު ހުށަހަޅަން ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ވިލިނގިލިން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ 3647 އަކަފޫޓުގެ 6 ބިމަކާއި 2701 އަކަފޫޓުގެ ބިމެކެވެ. އަދި 1670 އަކަފޫޓޫގެ ބިމަކާއި 1234 އަކަފޫޓުގެ ބިމަކާއި 607 އަކަފޫޓުގެ ބިމެއްގެ އިތުރުން 400 އަކަފޫޓުގެ ބިމެކެވެ. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށްކަމަށް ވިލިނގިލި ކައުންސިލުން ވިދާޅުވެއެވެ.

އެރަށުގެ1.11 ކިލޯ މީޓަރުގެ ދުރުމިނުގައި ރާއްޖޭގެ އެންމެ ބޮޑު މަސްފެކްޓްރީއެއް ޤާއިމްކޯށްފައިވާއިރު ރަށާ ކައިރީގައި ސަރަޙައްދީ އެއަޕޮޓް ތަރައްޤީކޯށްފައި އޮވެއެވެ. ސަރަހައްދީ އެންމ މަޝްހޫރުކަން ލިބިފައިވާ އެންމެ ގިނަފަތުރުވެރިން ޑައިވިންކުރާ ޝާރކް ޕޮއިންޓްވެސް ވަނީ ކޫއްޑޫއާއި ގއ. ވިލިގިއްޔާ ދެމެދުގައިވާ ތިލަ ކަނޑުގައެވެ.

އަދި ވިލިނގިލީ ދުކުނު އަދި އުތުރު ފަރާތުގައި ލަގްޒަރ ރިސޯޓްތަށް ތަރައްގީކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން އެރަށުގައި ޓުއަރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުން ރަށަށް ގިނަ ފައިދާތަކެއް ލިބޭނެކަމަށް ކައުންސިލުން ފާހަގަކުރެއެވެ.