ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުނެގުން އަންގާރަ ދުވަހު


  • ޖުމްލަ 3520 ގޯތި ގުޅިފަޅުން ދޫކުރޭ

  • ގުރުއަތުލުން އޮންނާނީ އަންގާރަދުވަހު 09:00ގައި ދަރުބާރުގޭގައި

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައަޅުމަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު އޮންނާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމާރްނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ގުޅިފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށްގެންދާނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިންނެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައަޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ އަންގާރަ ދުވަހު ހެނދުނު 9:00އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ގުރުއަތުލުމުގެ ކަންކަން ބަލަން ވަނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ގުރުއަތުލުން ކުރިއަށްދާވަގުތު ޕަބްލިކް ސަރވިސް މީޑިއާއިން ލައިވް ކުރާނެއެވެ.

"ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާއިގުޅިގެން، ބިންވެރިޔާ ސްކީމުގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައެވެ. މިހާތަނަށް ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި، މިހާތަނަށް ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީހުންގެ ގޯތީގެ ގުރުއަތުލުންވެސް ކުރިއަށްދާނެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ގުޅީފަޅުން ގޯތި ލިބޭ މީހުންގެ ހުރިހާ ކެޓަގަތީތަކުގެ ލިސްޓްވެސް، ގުރުއަތާ ގުޅިގެން ގެޒެޓުކޮށްފައިވާ ލިސްޓްގައި ހިމަނާފައެވެ.
ޖުމްލަ 3520 ގޯތި ގުޅީފަޅުން ދޫކުރެއެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:


• 1250 އަކަފޫޓުގެ 669 ގޯތި
• 1650 އަކަފޫޓުގެ 1234 ގޯތި
• 2050 އަކަފޫޓުގެ 916 ގޯތި
• 2450 އަކަފޫޓުގެ 473 ގޯތި
• 2850 އަކަފޫޓުގެ 158 ގޯތި
• 3250 އަކަފޫޓުގެ 49 ގޯތި
• 3650 އަކަފޫޓުގެ 21 ގޯތި

ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގުރުއަތުނެގުން ކުރިއަށްދާއިރު، ގުރުއަތުނަގާ މާލަމަށް ވަދޭވޭނެ އިންތިޒާމުވާނީ ހަމަޖައްސާފައެވެ. އަދި ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާއި އައި.ޑީ.ކާޑްގެ ކޮޕީ ގެންދަންވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާއިގުޅޭ މަޢުލޫމާތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންއިން ފަހުން ޙިއްސާކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.