ބ. ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރަން ފެށުމާއެކު ރަށުގެ ފަތުރުވެރިކަން ފެންނަނީ އުޖާލާކޮށް ކަމަށް ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވެއްޖެއެވެ. ސަމީހު މިހެން ވިދާޅުވީ ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 އަކީ އެ ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ، އިތުރަށް ފުޅާކުރުމަށް 2021 ވަނަ އަހަރު ކައުންސިލުން ލިޔެފައިވާ ޕްލޭނެކެވެ. އަދި މިޕްލޭނަށް އަމަލު ކުރަން ނިންމާފައިވަނީ 2025 ވަނަ އަހަރުން ފެށިގެންނެވެ.
ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ މިކަމަށްޓަކއި ޕްލޭނެއް ހެދުމަށް ވަކި ކޮމިޓީއެއް ނަގާ، އެ ކޮމިޓީގެ މަޝްވަރާއާއެކު ޕްލޭން ފައިނަލް ކޮށްފައިވާ ކަމަށެވެ. މި ޕްލޭންގެ ދަށުން އަންނަ އަހަރުގެ 12 މަހަށް ބަހާލައިގެން ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެކި ހަރަކާތްތައް ހިންގުމަށް ކަނޑައަޅާފައިވާކަމަށެވެ.
މިޕްލޭންގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުހިންމު ބައެއް ކަންތައްތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެސްޓް ބީޗެއް ހުރިހާ ވަސީލަތްތަކާއެކު ޤާއިމުކުރުމާއި ނައިޓް ލައިފް ސެންޓަރެއް ޤާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން ޑައިވް ޖެޓީއެއް ޤާއިމުކުރުމާއި ސަން ސެޓް ޑެކް ޤާއިމުކުރުމާއި އިންޓަރގްރޭޓެޑް ޓޫރިޒަމް ޒޯނެއް ކަނޑައެޅުން ހިމެނެއެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ވަކި ބޯޑެއް އެކުލަވާލުމާއި ވޯޓަރ ސްޕޯޓްސް ޤާއިމުކުރުމަށް ވަކި ޒޯނެއް ކަނޑައަޅާ ބިން ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
ސަމީހު ވިދާޅުވީ ކައުންސިލުން މިކަން ކުރަނީ ތަސައްވަރަކާ ވިސްނުމަކާއެކު ކަމަށެވެ. މިއީ އަދި ނިމުން ނޫން ކަމަށާއި މިއީ ލޯކަލް ޓޫރިޒަމް ރަށުގައި ކުރިއެރުވުމަށް ކުރެވުނު މަސައްކަތުގެ ފެށުން ކަމަށްވެސް ސަމީހު ވިދާޅުވިއެވެ.
"ރަށް ފައްކާ ކުރަނީ ފަތުރުވެރިންނަށް ހިތްހެދޭ ފަދަ ރަށަކަށް. އަޅުގަނޑުމެންގެ ބޭނުމަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރަށުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުން. ހުރިހާ އެންމެންވެސް އަންނަ ހިތުން އަންނަ ރަށަކަށް ދަރަވަންދޫވެ، މެހްމާންދާރީ ފުރިހަމައަށް އަދާކުރުމަށް. މިޕްލޭންގެ ދަށުން ފަތުރުވެރިކަން ރަށަށް ތަޢާރަފްވާފަދަ ސަބަބުތައް އަޅުގަނޑުމެން އުފަން ކުރުވާނަން. މިހާރު މިވަނީ އަންނަ އަހަރުގެ އިވެންޓްތަކަށް ފުރިހަމައަށް ތައްޔާރުވެފައި" ސަމީހު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގެ ތެރެއިން ވަނީ ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރު 2025 ގެ ލޯގޯ އާއި ތީމް ލަވަ އިފްތިތާހުކޮށްފައެވެ. ތީމް ލަވަ އާއި ލޯގޯ އިފްތިތާހްކޮށްދެއްވީ ހިތާދޫ ދާއިރާގެ މެމްބަރު ޝިރުހާނެވެ. މީގެއިތުރުން ޒިޔާރަތްކުރުމުގެ އަހަރުގެ އެމްބެސެޑަރެއްގެ ގޮތުގައި ކައުންސިލުން ވަނީ، ދާއިރާގައި ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އަހްމަދު ސާލިމް ހަމަޖައްސާފައެވެ.
ދަރަވަންދޫގައި އަންނަނީ 14 ގެސްޓް ހައުސް އާއި 3 ޑައިވް ސެންޓަރު ހިންގަމުންނެވެ.