ޚަބަރު

ކެންސަރު ހޮސްޕިޓަލް އަޅާނީ ދަރުމަވަންތައާ އިންވެގެން އޮންނަ ބިމުގައި، މިއީ 25 ބުރީގެ އިމާރާތެއް


  • ހޮސްޕިޓަލް އަޅާނީ ދިރާގު އިމާރާތު ފުރަގަހުން އޮންނަ ސަރަޙައްދުގައި

  • ހޮސްޕިޓަލްގެ ކޮންސެޕްޓް ޕްލޭނިންގެ މަސައްކަތް ދަނީ ކުރަމުން

ކެންސަރު ހޮސްޕިޓަލަށް ޚާއްސަ އިމާރާތް އަޅާނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮންނަ ބިމުގައި ކަމަށާއި، މިއީ 25 ބުރީގެ އިމާރާތެއްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފިއެވެ.

މާލެ ސަރަޙައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތަކުގެ ޚިދުމަތް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ އާބާދީ އިތުރުވި މިންވަރަށް މާލޭގައި، ސިއްޙީ ޚިދުމަތްތަކާ އެނދުގެ އަދަދު އިތުރުކުރެވިފައި ނެތްކަމަށެވެ. އެހެންކަމުން މާލޭ ސަރަޙައްދުގައި ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގައި މިވަގުތު އެންމެ ބޮޑު އަމާޒެއް އޮތީ އެނދު އިތުރުކުރުމަށްކަމަށެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި 2023ވަނަ އަހަރުގެ ނިޔަލަށް މާލެ، ވިލިމާލެ ހުޅުމާލެ ހިމެނޭހެން ސަރުކާރު ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަކީ 316 އެނދެވެ. 1995ވަނަ އަހަރުން ފެށިގެން އިތުރުވީ 130 އެނދެވެ. މާލޭ ސަރަޙައްދުގެ އާބާދީ ދިވެހިންނާ ބިދޭސީން ހިމެނޭހެން 212،000އިން މައްޗަށް އަރައެވެ.
އެހެންކަމުން މި ދިޔަ 1 އަހަރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެނދުގެ އަދަދު އިތުރުކުރުމަށްކަމަށް ޙަލީމް ވިދާޅުވިއެވެ. އަދި ވޯޑާއި އީއާރާއި އެހެން ބައެއް ޚިދުމަތްތައް ހިމެނޭހެން މި އަހަރު ނިމުމުގެ ކުރިން އިތުރު 172 އެނދު ޚިދުމަތަށް ގެނެވޭނެކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެއެވެ.

މީގެއިތުރުން ސިއްޙި ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އޭގެތެރެއިން އެންމެ ބޮޑު އެއް މަސައްކަތަކީ އައިޖީއެމްއެޗްގެ ބިމުގައި ހުސްކޮށް އޮތް ސަރަޙައްދުގައި ތަރައްޤީކުރާ އައު ހޮސްޕިޓަލްގެ މަސައްކަތެވެ. ކެންސަރަށް ޚާއްސަކޮށް ތަރައްޤީކުރާ އެހޮސްޕިޓަލްގައި އިތުރު ދާއިރާތަކުގެ ގިނަ ޚިދުމަތްތައްވެސް ހިމެނެއެވެ. ޢަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އެކަމަށް ބޭނުންވާ ބިން މިހާރު ހަމަޖައްސާފައިވާކަމަށެވެ.

"ކެންސަރު ހޮސްޕިޓަލް އަޅާނީ އައިޖީއެމް ހޮސްޕިޓަލް ބިމުގައި މިހާރު ޕާކިން އޭރިއާ އޮތް ހުސް ބިމުގައި. އެއީ 25 ބުރީގެ އިމާރާތެއް." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

މިމަސައްކަތުގައި މިހާރު ވަނީ ފުރަތަމަ މަރުހަލާގައި ހަދާ ޑިޒައިނާއި ކޮންސެޕްޓްގެ މަސައްކަތް ނިންމާފައެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި އޭގެ ޑީޓެއިލް ކުރެހުންތަކާއި ކޮންޓްރެކްޓްކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަޖެޓު ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

ހޮސްޕިޓަލްގެ އެނދުގެ އަދަދާއި ޚިދުމަތްތަކުގެ ތަފްސީލްތައް ހިއްސާކުރާނީ ޑީޓެއިލް ކުރެހުންތަކަށްފަހުއެވެ.

ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް ނުވަތަ ޚާއްސަ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރަން ނިންމީ، އެ ޚިދުމަތްތައް ރާއްޖެއިން ބޭރުން ހޯދުމަށް މިހާރުވެސް ރައްޔިތުންނާ ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާތީއެވެ.

ސަރުކާރުގެ އަމާޒަކީ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ނިންމާ މި ދައުރުތެރޭގައި ޚިދުމަތަށް ގެނައުމެވެ.