ޚަބަރު

ބަޖެޓުކުރި މަޝްރޫޢުތަކުގެ އަދަދު 36 ބިލިޔަން ރުފިޔާއަށް އަރާ: މާލީ ވަޒީރު


  • ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުން

2024 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖަހާފައިވާ ގިނަ އަދަދުތައް ރިއަލިސްޓިކް ނޫން ކަމަށާއި، މިއަހަރަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް އަގު 36 ބިލިޔަން ރުފިޔާއަށް ވުރެ އިތުރުވެފައިވަކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި 5.1 ބިލިޔަން ރުފިޔާ ހުށައެޅުމުގެ އެއް ސަބަބަކީ މަޝްރޫޢުތަކަށް ކުރަން ޖެހޭ ހޭދަ އިތުރުވުން ކަމަށެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441 މިލިޔަން ރުފިޔާ މި ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. އެވަރު ބަޖެޓުގައި ހިމަނާފައިވަނީ ކުންފުނިތަކުން ކުރިއަށްގެންދާ މަޝްރޫތަކަށް ކޭޝްފްލޯ ހަމަޖައްސައިދިނުމަށާއި، އަލަށް ޤާއިމްކޮށްފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ކެޕިޓަލް ދޫކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ޕީއެސްއައިޕީ ބަޖެޓު ކުރިއިރު ރިއަލިސްޓިކް ނުވުމުގެ އިތުރަށް ކުދި އަދަދުތައް މަޝްރޫޢުތަކުން ޖަހާފައިހުރުމުން، މި މަޝްރޫޢުތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ 2 ބިލިޔަން ރުފިޔާވެސް ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާކަމަށެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނޭ މަޝްރޫޢުތަކުގެ ކޮންޓްރެކްޓު އަގުގެ ޖުމުލަ ހިސާބުކުރުމުން 36 ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން ދެނެގަނެފައިވާމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިދިޔަ 2023 ވަނަ އަހަރު ގިނަ މަޝްރޫޢުތަކެއް އެވޯޑުކޮށް، އެޑްވާންސް ޕޭމަންޓް ހަދާފައިވާއިރު، ފިސްކަލް ހާލަތަށް ރިޢާޔަތްކޮށް ދެމެހެއްޓެނިވި މިންވަރެއްގައި މި ދާއިރާގެ ޚަރަދު ހިފެހެއްޓުމުގެ ވިސްނުން ގެންގުޅެފައިނުވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މުހިންމު ފިސްކަލް ރިފޯމްތަކެއް މިއަހަރުގެ ޖުލައިމަހުން ފެށިގެން ތަންފީޒުކުރެވޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްގެން ފާސްކޮށްފައިވީނަމަވެސް، ބަޖެޓުގައި ބަޔާންކުރާ މައިގަނޑު ރިފޯމްތަކާ ގުޅޭ މަސައްކަތްތައް ހުރީ ފުރިހަމައަށް އެކުލަވާނުލާ. މިއާއެކު، މި ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތައް ނިންމަން ވަގުތު ނެގި. އަދި މިކަމަށް ހޭދަވި މުއްދަތުގައި ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތަކާއި އެހީތައް މެދުނުކެނޑި ކުރިއަށް ގެންދަން ބޭނުންވާތީ، މިއީވެސް ބަޖެޓު ސަޕްލިމެންޓް ކުރަންޖެހޭ ސަބަބެއް."މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޕީއެސްއައިޕީގެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާކަމަށެވެ. އަދި އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދަންޖެހުމަކީވެސް ސަޕްލިމެންޓް ހުށަހަޅަންޖެހޭ ސަބަބެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ބަޖެޓުގައި ހިމަނާފައިވާ ހަރަކާތްތަކާއި މަޝްރޫޢުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް މަޝްރޫއުތަކުގެ ޕައިޕްލައިން އެކުލަވާލައި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.