ޚަބަރު

އަހަރު ނިމޭއިރު ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އާމްދަނީ އިތުރުވާނެ


  • އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭ

  • މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެ

އަހަރު ނިމޭއިރު، އާމްދަނީގެގޮތުގައި ލިބޭނެ މިންވަރު ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްބުރެ އިތުރުވާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މާލީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ.

މިއަހަރަށް ސަރުކާރުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފާސްކުރި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 34 ބިލިޔަން ރުފިޔާގެތެރެއިން، ސެޕްޓެމްބަރުމަހުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިޔަން ރުފިޔާއެވެ.

ސަޕްލިމެންޓަރީ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި ދެއްކެވި ވާހަކަފުޅުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ބަޖެޓުގައި އަންދާޒާކޮށްފައިނުވާ އާމްދަނީންނާއި، އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އަހަރު ނިމޭއިރު އާމްދަނީގެގޮތުގައި ލިބޭނެ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

"އާމްދަނީ އާއި 1 ނޮވެމްބަރު 2024އިން ފެށިގެން ސިނގިރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީގެ ރޭޓުތަކަށް ބަދަލު ގެންނަން ނިންމާފައިވާތީ، އަހަރު ނިމޭއިރު، އާމްދަނީގެގޮތުގައި ލިބޭނެ މިންވަރު ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްބުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ" މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރު 640.1 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭކަމަށެވެ.

މިއަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އާމްދަނީގެ ތަފްސީލް:

• ބިންވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އިތުރު 335.3 މިލިއަން ރުފިޔާ
• ހިލޭ އެހީގެ ގޮތުގައި އިތުރު 199.3 މިލިއަން ރުފިޔާ
• އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންކަމުން އިތުރު 61.6 މިލިއަން ރުފިޔާ

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން މާލީ ވަޒީރު ވިދާޅުވީ ފިސްކަލް ޑެފިސިޓް އަދި ފައިނޭންސް ހޯދަންޖެހޭ މިންވަރު ދަށްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި އަހަރުތަކެއް ދިގުދަންމާފައިވުމުގެ ނަތީޖާއަކީ، ކޮންސެޝަނަލް ޓާމްސްގައިވެސް އިތުރަށް ދަރަނި ނަގަން ދަތިވުމެއް، އަދި ސަރުކާރުގެ މާލިއްޔާއަށާއި ދައުލަތުގެ ރިޒަރވްއަށް ބުރައަކަށްވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ނިޒާމީ ބަދަލުތަކަކާއެކު ސަރުކާރުން އެދެނީ ޒިންމާދާރުކޮށް ބަޖެޓު އެކުލަވާލައި އެ މިންގަނޑުގައި ބަޖެޓު ހިފަހައްޓަން ކަމަށެވެ.

"މިދިޔަ އަހަރު ބޭރުގެ ލޯނުއެހީއިން ހިންގާ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވާ 2 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދެއް އެ އަހަރުގެ ބަޖެޓުގައި ރެކޯޑުނުކޮށް އޮތް މައްސަލަ، މިކަން ފާހަގަވުމާއެކު އޮޑިޓަރ ޖެނެރަލްގެ ލަފާފުޅު ހޯދާ، އެކަން ހަމަމަގަށް އަޅުވައި މުސްތަގުބަލުގައި މި މައްސަލަ ކުރިމަތި ނުވާނެގޮތަށް ނިޒާމު ބަދަލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައި ކަމަށެވެ. މިއީ ޕަބްލިކް ފައިނޭންސް ނިޒާމުގައިހުރި މައްސަލަތައް ހައްލުކޮށް، މާލީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރަމުންދާ މަސައްކަތުގެ އެއް މިސާލު" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކު، 2024ވަނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކަށް ވާނީ 55 ބިލިޔަން ރުފިޔާއެވެ. ސަޕްލިމެންޓަރީ ބަޖެޓުގެ އޯވަރޯލް ޑެފިސިޓަކީ 4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓު ޑެފިސިޓް އަދި ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރު ވެގެންދާނީ 18 ބިލިޔަން ރުފިޔާއެވެ.