ޚަބަރު

ފުނަދޫގެ ތެޔޮ ޓޭންކްތައް މާގިރިފަޅަށް ބަދަލުކުރުމުގެ ބަދަލުގައި ތިލަފުއްޓަށް ބަދަލުކުރުމަށް މަޝްވަރާ ކުރަނީ


  • ކުރިން އޮތީ މި ނިޒާމް މާގިރިފަޅަށް ބަދަލުކުރުމަށް

  • ތިލަފުއްޓަށް މި ނިޒާމް ބަދަލުކުރަން ނިންމާ ދުވަހުން ފެށިގެން 3 މަސްތެރޭ އެ މަސައްކަތް ފެށޭނެ

ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި މަޝްވަރާ ކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މީގެ ކުރިން ނިންމާފައި އޮތީ ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު މާގިރިފަޅަށް ބަދަލުކުރުމަށެވެ. ނަމަވެސް އެ ނިޒާމް މާގިރިފަޅަށް ބަދަލުކުރުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް އީއައިއޭ ހެދުމުން އެތަނަކީ އެންމެ ފީސިބަލް ތަނަކަށް ނުވުމުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމް މަގިރިފަޅަށް ބަދަލުނުކުރެވޭނެކަމަށެވެ. އަދި އެ ނިޒާމް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި މަޝްވަރާ ކުރަމުންދާކަމަށް ޝިމާދު ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ ތެޔޮ ރައްކާކުރާ ނިޒާމް ބަދަލުކުރުމަށްޓަކައި ޑެންމާކްގެ ކޮންސަލްޓެންޓެއް ނަގައިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ތިލަފުއްޓަށް އެ ނިޒާމް ބަދަލުކުރުމަށް ފައިނަލް ވެއްޖެނަމަ ގޮތް ނިންމާތާ 3 މަސް ދުވަހުގެ ތެރޭ ތެޔޮ ރައްކާކުރާ ނިޒާމް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ޝިމާދު ވިދާޅުވިއެވެ.

"ތިލަފުއްޓަށް ބަދަލުކުރުމަށް ކޮންސެޕްޓް ޑިޒައިނާއި ރިކުއާމަންޓް ތައްޔާރުކުރަން އިންޓަނޭޝަނަލް ކޮންސަލްޓެންޓަކާއެކު މަސައްކަތް މި ކުރަނީ." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.

ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއްގެ ގޮތުގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއާއި، ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްޤީކުރުން ފެށުމަށް މިއަހަރުގެ ޖަނަވަރީމަހު ބޭއްވި ރަސްމިއްޔާތުގައި އެރަށުގައި ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުގެ ތެރެއިން ފުނަދޫގައި ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ހިމެނޭހެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްޤީކުރުމަށެވެ. މި މަޝްރޫޢުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.