ޤައުމުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް މޮޅު ހިކުމަތުގެ އަހުލުވެރި ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޒުވާނުން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރުން ތަންފީޒުކުރައްވަމުން ގެންދަވާ ޒުވާނުންގެ ސިޔާސަތުން މަންފާ ލިބިގަނެވޭ ބަޔަކު ކަމުގައި ޒުވާނުންހެދުންކަމަށެވެ. އެގޮތުން ޒުވާނުންގެ ސިއްޙަތާއި، ޒުވާނުންގެ ހަށިހެޔޮކަމާއި، ނަފުސާނީ ދުޅަހެޔޮކަމަށް ވިސްނަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ވުމަށާއި މުރާލި ބަޔަކަށް ވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
މި ހުރިހާ ކަމެއް ގުޅުވައިގެން ނަތީޖާ ނެރެދޭ ތަޢުލީމާއި، ފުނަށް ވާސިލްވެވޭހެން ތަރުތީބުކުރެވޭ ސުލޫކީ ވިސްނުންތައްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކުރިމަގުގެ މަންފާ ލިބިގަތުމަށްޓަކައި ޒުވާނުންގެ ވިސްނުން މި ދިމާއަށް މިސްރާބުކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެފައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަކީ ޒުވާނުންގެ ދިރިއުޅުމުގެ އެއްބައިކަމުގައި ހަދަންޖެހޭކަމަށެވެ. އެގޮތުން އަދުގެ މައްސަލަތަކާއި އޭގެ ހައްލުތަކަށް ރިޢާޔަތްކޮށް ފުންކޮށް ވިސްނައި ޚިޔާލުކުރާ ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އިޤްތިޞާދީ ކުރިއެރުމަށް ފަހިވާގޮތުން އުފެއްދުންތެރި ބަޔަކަށް ވާންޖެހޭ. ދުނިޔޭގެ ވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކަށް ހޭލުންތެރިވެ ނަތީޖާނެރޭ ބަޔަކަށް ވާންޖެހޭ. ގައުމުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް މުސްތަގުބަލުގައި ދަމަހައްޓައިދޭނޭ ތޫނު ވިސްނުމާއި، މޮޅު ހިކުމަތުގެ އަހުލުވެރި ބަޔަކަށް ޒުވާނުން ވާންޖެހޭ." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތުތައް އެކުލެވިފައިވަނީ މި ހުރިހާ ކަމަކާއި، އެއާއި ގުޅިފައިވާ ކަންކަން ޒުވާނުންނަށް ހާސިލްކޮށްދިނުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ހަޤީޤީ މާނައިގައި ޒުވާނުންގެ ދައުރު ޒުވާނުންނަށް ލިބިދިނުމަށާއި އަޅުގަނޑުމެން އަތުގައި މިއަދު އޮތް ޤައުމީ އަމާނާތާއި މާދަމާ ހަވާލުވެވޭނޭ ނުހަނު ޤާބިލު ޒުވާނުން އުފެއްދުމަށްކަމަށެވެ. މި ސިޔާސަތުގެ މޭވާ ލިބުން އޮންނާނީ ޒުވާނުން މިއަށް އިޖާބަދޭނޭ ގޮތެއްގެ މަތީންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހީންގެ ޤައުމު ދިވެހިގޮތުގައި މުސްތަޤުބަލުގެ ދުނިޔެއާ ފައިހަމަކުރުމަށް ބޭނުންވާ ހުރިހާ ކަމެއް މިއަދު ހާސިލްކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.