ޚަބަރު

މިދިޔަ އަހަރު 16،000އަށްވުރެ ގިނަ އުޅަނދު އެތެރެކުރި، ގިނައީ ސައިކަލު


  • 15،551 ސައިކަލް އެތެރެކުރި

  • 1347 ކާރު ރާއްޖެ އެތެރެކުރި

މިދިޔަ އަހަރު ރާއްޖެއަށް 16000 އަށް ވުރެ ގިނަ އުޅަނދު އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ތަފާސްހިސަބުތަކުން ދައްކާގޮތުގައި މިދިިޔަ އަހަރުވެސް އެންމެ ގިނައިން ރާއްޖެ އެތެރެކޮށްފައިވަނީ ސައިކަލެވެ.

މޯލްޑިވްސް ކަސްޓަމްސް ސްރވިސްގެ ތަފާސްހިސަބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރި އުޅަނދުތަކުގެތެރޭގައި 15،551 ސައިކަލު ހިމެނެއެވެ. ދެން ހިމެނެނީ 1347 ކާރެވެ. މީގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރުގެ އިތުރުން އެކި ސަރަހައްދުތަކުގައި ހުރި ވިޔަފާރި ބަނދަރުތަކަށް އެތެރެކުރި އުޅަނދުތައްވެސް ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ކޮންމެ އަހަރަކުވެސް 10،000 އަށް ވުރެ ގިނަ އެއްގަމު އުޅަނދު ރާއްޖޭގައި އަލަށް ރަޖިސްޓަރީކުރެއެވެ. އެ އުޅަނދުތަކުގެ ތެރެއިން %90 އަކީ ސައިކަލެވެ. ރާއްޖެ އެތެރެކުރާ އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތައް ދުއްވަނީވެސް މާލެ ސަރަހައްދުގައެވެ.

އެއްގަމު އުޅަނދުތަކުން މާލެ ތޮއްޖެހި، އެ މައްސަލަ ހައްލުކުރުމަށް ރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރެވޭ އަދަދު ކޮންޓްރޯލް ކުރުމަށް އެކި ފަހަރު މަތިން ކަމާ ގުޅޭ އިދާރާތަކުން އެކި ސަރުކާރުތަކުގައި މަޝްވަރާ ކޮށްފައިވެއެވެ. ނަމަވެސް ިހާތަނަށް އެކަމަށް ޙައްލެއް ގެނެވިފައެއް ނުވެއެވެ.

ސަރުކާރުން ހާމަކުރަައްވާފައިވާގޮތުގައި މިދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި 69،780 އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 42،000 އަށްވުރެ ގިނަ އުޅަނދަކީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައްކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

މާލެ ސަރަޙައްދަކީ ރާއްޖޭގެ އެންމެ ތޮއްޖެހުން ބޮޑު ސަރަޙައްދެވެ. މާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު ބައެއް އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ނުގަވާއިދުންނެވެ. ތޮއްޖެހުމުގެ މައްސަލަ ބޮޑުވެގެންދިޔައީ މާލެއަށް ނުކަތާވަރަށް އުޅަނދުތައް ރަޖިސްޓްރީކުރުމާއި ހަލާކުވުމުން ބޭނުންނުކޮށް މަގުތަކަށް ދޫކޮށްލާ އުޅަނދުތަކުގެ އަދަދުތައްވެސް އިތުރުވުމުންނެވެ.

ޚާއްސަގޮތެއްގައި ކަނޑައަޅާފައިވާ ޢަދަދަށްވުރެ ގިނައިން ގަރާޖުތަކަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި، ގޭގެ ވެރިފަރާތަށް ނޭނގި އޮޅުވާލައިގެން ގަރާޖު ސިޓީ ހަދާފައިވާ މައްސަލަތައްވެސް ހިމެނެއެވެ. އެހެންކަމުން މިކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅަން ފަށްޓަވާފައެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ބަޔާންކުރަނީ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ ޢަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެކަމަށެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ ޢަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް މިއަހަރުގެ މާރޗްމަހުގައި ގެނައި އިސްލާޙްގައި ވަނީ ރަށްރަށާއި ސިޓީތައް ނުވަތަ ވަކި ސަރަޙައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ ޢަދަދު ކަނޑައަޅާނީ ކައުންސިލްތަކުން އެސެސްމަންޓެއް ހަދައި ވެހިކަލް ކެޕޭސިޓީ ދެނަގަތުމަށްފަހު ކަމަށެވެ.

މި ޤަވާއިދުގެ ދަށުން ވެހިކަލް ކެޕޭސިޓީ 4 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެއީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަދުތަކާއި، އަމިއްލަ އުޅަނދުތަކާއި، ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކުގެ އިތުރަށް ސިނާޢީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކެވެ. އަދި މި ކެޓަގަރީތައް ވަކި ސަބް-ކެޓަގަރީތަކަށް ބަހާލުމުގެ އިޚުތިޔާރު ކައުންސިލަތަކަށް ލިބެއެވެ.