ޚަބަރު

ރާއްޖޭގެ ޤުދުރަތީ ވެށީގެ އަގުކުރެވުމުން، މާލީ ފައިދާ ހޯދޭނެ: ވަޒީރު ތާރިޤް


  • ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ލ. އަތޮޅުގައި މިމަސައްކަތް ނިމޭނެ

  • ރައީސް ވަނީ މުޅިރާއްޖޭގަައި މިމަސައްކަތް ކުރިއަށް ގެންދަން ނިންމަވާފައި

ރާއްޖޭގެ ޤުދުރަތީ ވެށީގެ އަގުކުރެވުމުން އޭގެ މާލީ ފައިދާތަކެއްވެސް ވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއިބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ވަނީ ރާއްޖޭގެ ޤުދުރަތީ ވެށީގެ އަގު ކުރުން ނުވަތަ ނެޗުރަލް ކެޕިޓަލް އެކައުންޓިން މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މިމަސައްކަތް ލ. އަތޮޅުގައި ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލ. އަތޮޅުގައި ކުރިއަށްދާ މަސައްކަތް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމުގެގެ ތަފްސީލް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މިވަގުތު މިމަސައްކަތް ކުރަނީ 3 ދާއިރާއަކުން ކަމަށެވެ. އެގޮތުން ފަރުތަކާއި މުރަކައިގެ އަގު ކުރުމާއި، މޫދުވިނަ އަގު ކުރުމުގެ މަސައްކަތަކާއިއެކު ކުޅި، ފާ އަދި ޗަސްބިން އަގުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިވަގުތު ތިން ދާއިރާއަކުން އެމަސައްކަތް ކުރިނަމަވެސް، ކަނޑުގެ ދިރުންތަކާއި ރަށްރަށުގައި ހުރި އެހެނިހެން ޤުރުދަރީ ވަސީލަތްތައް ހިމަނައިގެން މަސައްކަތް ކުރުމަށް އަމާޒު ހިފައިވާކަމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މިމަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިމަސައްކަތް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ފުޅާކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި މަސައްކަތަކީ ވަރަށް މުހިންމު ކަމަކަށްވާތީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރީއްޔާ ވަނީ ނިންމަވާފައި. އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ނެޗުރަލް ކެޕިޓަލް އެކައުންޓިން މަސައްކަތް ކުރިއަށް ގެންދެވޭނެ. އެކަމަށް ބޭނުންވާ ފައިސާވެސް ހޯދަމުން މިދަނީ" ވަޒީރު ތާރިޤު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިމަސައްކަތުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވެށީގެ އަގު ދަނެގަނެވޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ޤުދުރަތީ މުއްސަންދިކަމެއް ލިބިފައިވާ ޤައުމެއްކަމަށް އަބަދުވެސް ކިޔާ ކަމަށާއި، ނަމަވެސް މިއިން އެއްވެސް ވަސީލަތެއް އަގު ކުރެވިފައި ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތް ނިމުމުން ރާއްޖެއަށް މާލީ މަންފާތަކެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަނީ ޤުދުރަތީ ގޮތުން ވަރަށް މުއްސަނދި ޤައުމެކޭ އަޅުގަނޑުމެން މިކިޔަނީ. އެކަމަކު އެއަކަށް ނެތް އެއްވެސް ރުފިޔާ ވެލިއުއެއް ޑޮލަރ ވެލިއުއެއް. އަޅުގަނޑުމެން އެބަޖެހޭ ނޫންތޯ އެއީ ކިހާވަރެއްތޯ ބަލަން. އަޅުގަނޑުމެންނަކީ ޤުދުރަތީ ގޮތުން މުއްސަނދި ޤައުމެއް ކަމަށްވަންޏާ މާލީ ފައިދާތައްވެސް ލިބޭނެ" ވަޒީރު ތާރިޤު ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ޤުދުރަތީ ވެށި އަގު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޔުއެންޑީޕީގެ ސަރަހައްދީ ރީޖަނަލް ޑިރެކްޓަރ އަދި އ.ދ އެސިސްޓެންޓް ސެކެރެޓަރީ ޖެނެރަލް ކަންނީ ވިގްނަރާޖާ ވަނީ ރާއްޖޭގެ ޤުދުރަތީ ވެށީގެ މުއްސަންދިކަން ރާއްޖޭގެ މަލީ ހާލަތު ރަނގަޅު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.