ކުޅިވަރު

އިންފަންޓީނޯ ކުއްލި ބައްދަލުވުމަކަށް، ބޭނުމަކީ ކޮބާ؟


ފީފާގެ އިދާރީ ހިންގުމުގެ އިސްވެރިންނާއެކު ރައީސް ޖިއާނީ އިންފަންޓީނޯ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވައިފި އެވެ.

މި ބައްދަލުވުން އޮންނާނީ މޮރޮކޯގެ ވެރިރަށް ރަބާތުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ބައްދަލުވުމުގެ މައިގަނޑު ދެ ބޭނުމެއްވާނެ އެވެ. އެއް ގޮތަކީ ހިންގާ ކޮމިޓީ އާއި އިދާރީ އިސްވެރިންގެ އިތުބާރު ނެތްނަމަ އިންފަންޓީނޯ މަގާމުން ދުރަށް ވަޑައިގަތުމެވެ. އަނެއް ގޮތަކީ އަދިވެސް އޭނާ އަށް ދުނިޔޭގެ ތާއީދު އޮތްކަމަށް ވިދާޅުވެ މިހާރު ކުރިމަތިވެފައިވާ ފާޑުކިއުންތަކާހެދި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރައްވަން މަސައްކަތް ކުރެއްވުމެވެ.

ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މި ބައްދަލުވުމުގައި އިންފަންޓީނޯ މަސައްކަތް ކުރައްވާނީ އޭނާގެ އިތުބާރު އަލުން ފީފާގެ އިސްވެރިންގެ ތެރޭގައި އޮންނާނެ ގޮތަކަށް ކަންކަން ބައްޓަން ކުރެއްވުމަށެވެ. ޔޫރަޕާއި ކޮންކާކަޕް އަދި އޭޝިޔާގެ ބައެއް ގައުމުތަކުން ބޭނުންވި ނަމަވެސް އޭނާގެ އިތުބާރު ނެތްކަމަށް ފާސް ނުކުރެވޭނެކަމުގެ ޔަގީންކަން ދެއްވުމަށެވެ.

އިންފަންޓީނޯ މި ބައްދަލުވުމަށް ގޮވާލެއްވީ ފީފާގެ އެތެރެއިން އޭނާގެ އަމަލުތައް ކުށްވެރި ކުރަން ފެށުމުންނެވެ. މި ގޮތުން ފީފާގެ ޗީފް ގްލޯބަލް ފުޓްބޯޅަ ޑިވެލޮޕްމަންޓް އާސެން ވެންގާ ވަނީ އިންފަންޓީނޯ ފީފާގެ ތެރެއިން އުފައްދަން މަސައްކަތް ކުރެއްވި ވިޔަފާރި ކުންފުނީގެ މައުލޫމާތު އެނގިވަޑައިގަތީ މީޑިއާއިން ކަމަށް ވިދާޅުވެ އެ ޕްލޭނާ ދެކޮޅު ހައްދަވާފަ އެވެ. އަދި އެންމެ ބޮޑަށް ގޯސްވީ ފީފާގެ ޖެނެރަލް ސެކްރެޓަރީ މަތިއަސް ގްރާފްސްޓްރޯމް މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ވިދާޅުވީ އޭނާ އަށް ވެސް މި ޕްލޭން އެނގިވަޑައި ނުގަންނަވާ ކަމަށާއި މިއީ އެންމެ މީހެއްގެ ޕްލޭނެއް ކަމަށެވެ.

އިންފަންޓީނޯ އަށް އިތުބާރު ނެތިގެން އުޅެނީ ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި ވިޔަފާރިވެރިންނަށް 20 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުމުންނެވެ. ގިނަ ބަޔަކު މިކަން ސިފަ ކުރަނީ އަމިއްލަ އެދުމާއި ފުޓްބޯޅައިގެ މިނިވަންކަން ވިއްކާލުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

މިކަމާހުރެ ޔޫރަޕުން ވަނީ އޭނާ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ. އަދި އެކަން ނުކޮށްފިނަމަ އޭނާގެ އިތުބާރު ނެތްކަމަށް ފާސް ކުރަން ޔޫރަޕާއި ކޮންކާކަފް އަދި އޭޝިޔާގެ ބައެއް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.