ޚަބަރު

ބޭރުފައިސާގެ އައު ޤަވާއިދާއެކު ބޭންކިން ނިޒާމަށް ކުރިއެރުން ލިބޭނެ: ގަވަރުނަރު


  • ޖުމްލަ އެތެރެވާ ބޭރުފައިސާގެ ތެރެއިން އެމްއެމްއޭއަށް ހަމަައަށް ލިބެނީ އެންމެ 23 އިންސައްތަ

  • ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޭރުފައިސާގެ ޑިމާންޑާއި އެއްވަރަށް ބޭންކުތަކުގައި ފައިސާއެއް ނެތް

  • ބޭންކިން ނިޒާމުގައި ބޭރުފައިސާ ދައުރުކުރުވަން މި ޤަވާއިދު މުހިންމު

ބޭރުފައިސާގެ ޤަވާއިދަށް ގެނައި ބަދަލަކީ، ރާއްޖޭގެ ބޭންކިން ނިޒާމު ކުރިއެރުވުމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދަޅުވީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕެނަލް ޑިސްކަޝަންގައި އެމްއެމްއޭގެ އިސްބޭފުޅުން ވަނީ ބޭރުފައިސާގެ ޤަވާއިދު، އަދި މަނީ ޗޭންޖާސް ޤަވާއިދަށް ގެނައި ބަދަލުތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖެއަށް އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ވަންނައިރު ޓެކްސްއާއި އެހެނިހެން ގޮތްގޮތުން މަރުކަޒީ ބޭންކާއި ހަމައަށް ލިބެނީ އެންމެ 23 އިންސައްތަ ކަމަށެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖެއަށް ވަންނަ ޑޮލަރުގެ ތެރެއިން ނިޒާމުގެ ތެރެއަށް ނުވަދެ "ނުރަސްމީ ބާޒާރަށް" ދޫވާ އަދަދު މަދުކުރެއްވިއްޖެ ނަމަ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ކުރެވޭނެ ކަމަށެވެ. އަދި މިއީ ޤަވާއިދަށް ބަދަލުގެނައި އެއް ބޭނުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވަނީ މި ޤަވާއިދަށް ހުރިހާ ވިޔަފާރިތަކުން ތާޢިދު ކުރިނަމަވެސް މި ފައިސާ ބޭންކަށް މާރުކުރުމާއި ގުޅޭގޮތުން ސުވާލު އުފައްދާ ކަމަށް ވިދާޅުވެފައެވެ. މިކަމަށް އިޝާރާތް ކުރައްވާ ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ބޭންކުތަކުގައި ފަތުރުވެރިކަމުގެ ސިނާޢާތުގެ ޑިމާންޑާއި އެއްވަރަށް ބޭރުފައިސާ ދޫކުރެވޭނެ ބާރެއް ނެތް ކަމަށެވެ. އެހެން ކަމުން ބޭރުގެ ބޭންކުތަކުން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރަން މަޖްބޫރުވެފައިވާކަަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"ބޭރު ބޭންކުތަކުން ލޯން ނަގައިގެން ގިނަ ރިސޯޓުތައް ތަރައްޤީކޮށްފައި މިހެން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޑޮމެސްޓިކް ބޭންކިން އިންޑަސްޓްރީއަށް މީގެން ފައިދާ ނުވާ ސަބަބަކީ ރާއްޖޭގައި ނެތް އެ އެސެޓެއް ކްރިއޭޓްކުރެވިފައި. އެއާ އެއް ލެވެލްގެ އެސެޓެއް ކްރިއޭޓް ނުވީމަ އެހުރިހާ ފައިސާއެއްވެސް ދާން މިޖެހެނީ ބޭރަށް ދެން.. ސުވާލަކީ މިހާ ނާޒުކުކޮށް އަޅުގަނޑުމެންގެ ބޭންކިން އިންޑަސްޓްރީ ދުކޮށްލަންވީ ތޯ؟" ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް އަހަރެއްގެ މައްޗަށް 4.5 ބިލިޔަން ޑޮލަރު ވަންނައިރު ރާއްޖޭގެ ބޭންކިން އިންޑަސްޓްރީއަށް ޖަމަޢުކޮށް އެއްކުރެވިފައިވަނީ ގާތްގަނޑަކަށް 2 ބިލިޔަން ޑޮލަރު ކަމަށެވެ. މިއާއެކު ބޭންކަށް ބޭރުފައިސާ ގެންނައުމުން ބޭންކިން ނިޒާމު ކުރިއަރާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑުމެންގެ ބޭންކިން ނިޒާމެއް މިގޮތަށް ކުރިއަށް ނާރާނެއޭ. ކޮންމެވެސް ވަރަކަށް މާރުވާން އެބަޖެހޭ. އޭރުން އަޅުގަނޑުމެން މިކިޔާ ބޭންކިން މަލްޓިޕްލަޔަރ ނުވަތަ މަނީ މަލްޓިޕްލަޔަރ އަންނާނީ. މިސާލަކަށް 500 ޑޮލަރު ބޭންކަށް މާރުކުރީމަ އެތަނުގައި ހުންނަނީއެއް ނޫން. އެ ދައުރުވާނީ. ބޭންކިން އިންޑަސްޓްރީވެސް ކުރިއަރައިގެންދާނީ މިގޮތަށް." ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭއިން ބޭރުފައިސާގެ ޤަވާއިދަށް ގެނައި ބަދަލާއެކު ޓުއަރިޒަމްއިން އާމްދަނީ ލިބޭ މީރާގައި ރެޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތެއްވެސް ލިބޭ އާމްދަނީ ބޭންކަށް ޖަމަޢުކުރަން ލާޒިމްވެއެވެ. އަދި ގްރީން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކާއި ސާފާރީ އުޅަނދުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު ބޭންކަށް މާރު ކުރަން ޖެހެއެވެ. ގެސްޓް ހައުސްތަކުން މާރު ކުރަން ޖެހެނީ 25 ޑޮލަރެވެ.

އެމްއެމްއޭއިން ވަނީ މިގޮތަށް މާރުކުރަން މަޖުބޫރުކުރި ނަމަވެސް، ވިޔަފާރިތަކަށް 3 މަހުގެ މުހުލަތެއް ދޭއިރު، މިކަމުގެ ސަބަބުން ވިޔަފާރި ހިންގުމަށް ދަތިތަކެއްވާނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.