ޚަބަރު

ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފުކުރަނީ


  • މިމަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި

  • މީގެ ދަށުން 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރާނެ

  • ފައިސާވަނީ ހަމަޖެހިފައި

ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ފައްޓަވައިފިއެވެ. މިމަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ގުޅިގެންނެވެ.

ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެއްޓާ ރައްޓެހި ދުއްވާތަކެތި ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި ބައިސްކަލް ތަޢާރަފުކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ގެންދަނީ ކުރައްވަމުންނެވެ. މިމަޝްރޫޢުގެ ދަށުން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ބައިކް ޝެއަރިންގ ސްކީމެއް ހުޅުމާލޭގައި ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ތިމާވެއްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

"މިކަމަށްޓަކައި ސޯލާ ޗަރޖިންގ ސްޓޭޝަންތަކެއް ޤާއިމުކުރެވޭނެ. އަދި މިކަމަށް ބޭނުންވާ ދިރާސާގެ މަސައްކަތް މިހާރުވަނީ ނިމިފައި. ފައިސާވެސްވަނީ ހަމަޖެހިފައި." ވަޒީރު ވިދާޅުވިއެވެ.

ތިމާވެއްޓާ ރައްޓެހި އާދަތައް ދިވެހީންގެ ތެރޭގައި އަށަގެންނެވުމުގެ މަސައްކަތް ކަމާގުޅޭ އެކި އިދާރާތަކުންގެންދަވަނީ ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިންވެސް މިކަން ޙާސިލުކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެގަ މަޝްރޫޢުކަމަށްވާ ރަސްމާލެ މަޝްރޫޢުގައިވެސް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރާނެކަން ވަނީ ޢިއުލާންކުރައްވާފައެވެ. މިހާރުވެސް ބައެއް ރަށްރަށުގައި، ރަށު ފެންވަރުގައި ބައިސްކަލަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކޮށްލެވެއެވެ.