ޚަބަރު

އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް އެއަރލައިންތަކަށް ބޭނުންވާ ކަންކަން ފަހިކޮށްދޭނަން: ވަޒީރު އަމީން


  • ބިއޯންޑުގެ 2ވަނަ މަތިންދާބޯޓުވަނީ ގެނެސްފައި

  • ބިއޯންޑަކީ މަތީ ފަންތީގެ ޚިދުމަތްދޭ އެއަރލައިނެއް

އޭވިއޭޝަން ދާއިރާ ކުރިއެވުމަށް ކުރާ މަސައްކަތުގައި، އެއަރލައިންތަކަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްސަ އެއަރލައިން "ބިއޯންޑް"ގެ ދަތުރުތަކަށް އެއް އަހަރު ފުރުމާއި އެއަރލައިންގެ ދަތުރުތަކަށް އިތުރު އެއަރކްރާފްޓެއް ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން ތަޢާރަފްކުރާ ބިއޯންޑުގެ ދަތުރުތައް އިފްތިތާހްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މި އެއަރލައިނުން މިހާރު ދުނިޔޭގެ 6 މަންޒިލަކަށް ދަނީ ދަތުރުތައް ބާއްވަމުންނެވެ. އަދި އެއަރލައިންގެ ދަތުރުތައް ފުޅާކުރުމަށްޓަކައި މިހާރު މިވަނީ އިތުރު މަތިންދާ ބޯޓެއް ގެނެސްފައެވެ.

މިކަން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ކުރިއެރުވުމަށް ބިއޯންޑުގެ ދައުރު ފުޅާކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މި ދާއިރާއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު ވިދާޅުވީ، އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.

"ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އޭވިއޭޝަން ސިނާޢަތް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާ. އެއަރލައިންތަކަށް ބޭނުންވާ ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދޭނެ." ވަޒީރު އަމީން ވިދާޅުވިއެވެ.

މި ހަފްލާގައި އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އެއަރލައިންތަކުގެ މެނޭތަކުން ދިވެހި ކެއުންތައް ފެންނުން މުހިއްމު ކަމަށެވެ. އަދި އެފަދަ ދުވަހެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"ދިވެހި ކެއުންތައް އެއަރލައިންތަކުން ނުލިބެންވީ ސަބަބެއް ނެތް، ދިވެހި ކެއުންތައް ލިބޭނެ ދުވަހެއް ދެކެން ބޭނުން،" ވަޒީރު ސައީދު ވިދާޅުވިއެވެ.

ބިއޯންޑުގެ ދަތުރުތަކުގައި ބޭނުންކުރުމަށް އެންމެ ފަހުން ގެނައު މަތިންދާ ބޯޓުވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. އެ އެއަރލައިންގެ ދަތުރުތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"މިއީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން، އެގޮތުން ތައިލޭންޑުއާއި މެދުއިރުމަތި އަދި ތައިލޭންޑަށް ދަތުރުތައް ފެށުމަށް މި ދަނީ ބަލަމުން." ޓެރޯ ވިދާޅުވިއެވެ.

ބިއޯންޑު އެއަރލައިނުން މިހާރު ދަނީ 6 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. އެއީ ޖަރުމަނީގެ މިއުނިކް، ސްވިޒަރލޭންޑުގެ ޒިއުރިކް، ސައުދީ އަރަބިއްޔާގެ ރިއާޟު، ޔޫއޭއީގެ ދުބާއީގެ އިތުރުން އިޓަލީގެ މިލާންއެވެ.