ޚަބަރު

އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބަޑިޖެހުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް


ފުރަތަމަ ފަހަރަށް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޝޫޓިން ކޮމިއުނިޓީ ތެރޭގައި ބަޑިޖެހުމުގެ ކުޅިވަރުގައި ވަރަށް ގިނަ ކުދިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މިފަދަ ގޮތަކަށް މުބާރާތެއް ބޭއްވިފައި ނެތް ކަމަށެވެ. މީގެ ކުރިން މުބާރާތްތަކުގައި ބަޑިޖަހައި އުޅުނީ ސިފައިންގެ ތެރެއިން ތަމްރީންވެފައި ތިބި ސިވިލް ކުދިންނެވެ.

ކުރިން ސފައިންގޭގައި އެކަނި ކުރިއަށްދިޔަ ކުޅިވަރު، މިހާރު އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާއިރު، އަންނަ މަހު ބާއްވާ މުބާރާތަކީ ފުރަތަމަ ފަހަރަށް އާންމުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މުބާރާތެވެ.

އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމުގައި ސުކޫލުގައި ކިޔަވާ ދަރިވަރުންނާއެކު 90 އަށްވުރެ ގިނަ ކުދިން މިހާރު ތަމްރީނު ހަދަމުންދާ ކަމަށް އެސޯޯސިއޭޝަނުން މައުލޫމާތުދެއެވެ. ގައުމީ މުބާރާތުގައި އާންމުންނަށް ބައިވެރިވެވޭނީ ވަކި މުއްދަތަކަށް ބޭއްވޭ ތަމްރީނުތަކަށް ފަހު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެ ތަމްރީނުތައް މިހާރު ފެށިގެން ކުރިއަށްދާއިރު ދުވަހެއް ދުވަހަކަށް މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެސޯސިއޭޝަނުން ވަނީ މައުލޫމާތުދީފައެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބަޑިޖެހުމުގެ މުބާރާތުގައި 30 އިވެންޓެއް ކުރިޔަށްދާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭ ގޮތަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގައެވެ.