ޚަބަރު

ޑެލް ޓެކްނޮލޮޖީގެ އެހީގައި އޭއައި ބޭނުންކުރާނެ ގޮތުގެ ސެޝަންތަކެއް މެކްސްކޮމްއިން ބާއްވައިފި


  • ސެޝަންގައި ޑެލް ކުންފުނީގެ ސްޕީކަރުން މައުލޫމާތު ދެއްވި

މެކްސްކޮމްއިން ޑެލް ޓެކްނޮލޮޖީގެ އެހީގައި އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކުރާނެ ގޮތުގެ ސެޝަންތަކެއް ބާއްވައިފިއެވެ. މި ސެޝަންތަކަކީ މެކްސްކޮމްއިން ކޮންމެ އަހަރަކު ވެސް އައިޓީ އިންޑަސްޓްރީއަށް ތަޢާރަފުވާ އައު ޓެކްނޮލޮޖީތައް އެ ކުންފުނީގެ ކްލައިންޓުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ބާއްވާ "ސީރީޒް އޮފް އިވެންޓްސް" ގެ ތެރެއިން ބޭއްވި ސެޝަންތަކެކެވެ.

މެކްސްކޮމްއިން ބޭއްވި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ޑެލް ޓެކްނޮލޮޖީސްގެ ހާޑްވެއާ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓުގައި އޭއައި ކުރިއަށް ގެންދާނެ ގޮތްތަކުގެ މައްޗަށެވެ. މި ސެޝަންގައި ޑެލް ކުންފުނީގެ ބޭފުޅުން މައުލޫމާތު ދެއްވާފައިވެއެވެ.

ސެޝަންތަކުގައި ސަރުކާރުގެ ބައެއް އިދާރާތަކާއި ބޮޑެތި އެސްއޯއީތަކުގައި އޭއައި ބޭނުންކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މި ސެޝަންގައި މެކްސްކޮމްގެ ޗީފް ކޮމާޝަލް އޮފިސަރ އަހުމަދު ސިބާހު ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި އޭއައި ޓެކްނޮލޮޖީ ތައާރަފުކުރުމަށާއި، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މެކްސްކޮމްގެ ފަރާތުން މި ސެޝަންތައް ބޭއްވުމުގެ މަގްސަދަކީ، އައު ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ކްލައިންޓުންނާ ހިއްސާކުރުމާއި، އޭއައި ދާއިރާގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭއައިއަކީ މަސައްކަތުގައި އިންސާނުންނަށް ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަން ފާހަގަކުރައްވާ ސިބާހު ވިދާޅުވީ މެކްސްކޮމްގެ މަގުސަދަކީ ރާއްޖެ ކަހަލަ ކުޑަކުޑަ މާކެޓެއްގަ ވަރަށް ފަސޭހައިން އޭއައި ބޭނުންކުރެވިދާނެކަން ހާމަކުރުން ކަމަށެވެ. މި ސެޝަންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީޑްރޯއެއް ވެސް ނަގާފައިވެއެވެ.