ޚަބަރު

ބޯންމަތާ ދެކޮޅަށް ސަކާ ފިޓްވާނެ ކަމަށް އާސެނަލުން އުއްމީދުކުރޭ


ޔުއެފާ ނޭޝަންސް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ގްރީސްއާ ދެކޮޅަށް އިންގްލަންޑުން ކުޅުނު މެޗުގައި އަނިޔާވި ބުކާޔޯ ސަކާ، އަންނަ ހޮނިހިރު ދުވަހު ބޯންމަތާ ދެކޮޅަށް އާސެނަލް ކުޅޭ މެޗަށް ފިޓްވާނެ ކަމަށް އެ ކުލަބުން އުއްމީދުކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ސަކާ އަށް އަނިޔާވީ، ގްރީސްއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ސަކާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު މި އަނިޔާގެ ސަބަބުން މެޗުގެ 51 ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފައެވެ.

މި އަނިޔާއާ ގުޅިގެން، އިންގްލެންޑުން ދެން ކުޅެން ހަމަޖެހިފައި އޮތް ފިންލެންޑް މެޗަށް ނެގި ސްކޮޑުން ސަކާ ވަނީ ވަކިވެ، އިތުރު ޓެސްޓްތައް ހެދުމަށް އެނބުރި އާސެނަލްއާ ގުޅިފައެވެ.

އިންގްލެންޑްގެ މެޗަށްފަހު، އެ ޓީމުގެ ވަގުތީ ކޯޗު، ލީ ކާސްލީ ވެސް ވަނީ ސަކާ ބަދަލުކުރަންޖެހުނީ ލިބުނު އަނިޔާއަކާ ގުޅިގެންކަން ކަށަވަރުކޮށްދީފައެވެ.

މި ފަހަރުގެ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއްދައްކަމުން އަންނަ ސަކާ ވަނީ، އާސެނަލަށް ހުރިހާ މުބާރާތެއްގައި ކުޅުނު 10 މެޗުގައި ތިން ލަނޑުޖަހައި، އިތުރު ހަތް ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ސަކާގެ އިތުރުން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި އާސެނަލްގެ ބްރެޒިލް ވިންގް، ގެބްރިއެލް މާޓިނެލީ އަށް ވަނީ އަނިޔާވެފައެވެ. މިއާއެކު، ބްރެޒިލުން ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގެ ކުރީން، މާޓިނެލީ ވަނީ ސްކޮޑުން ވަކިވެ، އެނބުރި އާސެނަލްއާ ގުޅިފައެވެ.

މީގެއިތުރުން، ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ނޯވޭ އަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން، އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް އަދިވެސް ރިކަވާ ނުވެއެވެ. އަދި، އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު، ކައި ހަވާޓްޒް ވެސް އަނިޔާގެ ސަބަބުން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ޖަރުމަނު ސްކޮޑާ ނުގުޅެއެވެ.