ޚަބަރު

ޑިއާރާގެ މައްސަލަ ނިމުނު ގޮތުގެ ސަބަބުން ފީފާއިން ޓްރާންސްފާގެ ނިޒާމު މުރާޖާކުރަނީ


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ބައެއް ޓްރާންސްފާ ގަވާއިދުތަކަކީ ޔޫރަޕިއަން ޔޫނިއަންގެ ގާނޫނުތަކާ ޚިލާފުވާ އެއްޗެހީގެ ގޮތުގައި ކޯޓަކުން ނިންމުމާ ގުޅިގެން، އެ އިދާރާގެ ޓްރާންސްފާ ނިޒާމަށް ބަދަލުތަކެއް ގެނެއުމަށް ދުނިޔޭގެ ފެންވަރުގައި މަޝްވަރާކުރުމަށް ނިންމައިފިއެވެ.

މި މަހުގެ ކުރީކޮޅު، ކުރީން އާސެނަލް އާއި ޗެލްސީ އަދި ރެެއާލް މެޑްރިޑަށް ކުޅެފައިވާ ލަސާނާ ޑިއާރާގެ ފަރާތުން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގައި ފީފާއާ ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމަށް އުފުލި ދައުވާގައި ވަނީ އޭނާގެ ކޮޅަށް އެ މައްސަލަ ކާމިޔާބުކޮށްފައެވެ.

އެގޮތުން، ފީފާގެ ޓްރާންސްފާގެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންޓްރެކްޓެއް ނެތް ކުޅުންތެރިއަކު އަލުން އެހެން ޓީމަކަށް ސޮއިކުރާއިރު، އެ ކުޅުންތެރިއެއްގެ ކުރީގެ ކޮންޓްރެކްޓް އެކަށީގެންވާ ސަބަބެއް ނެތި ނިމުމަކަށް ގެނެސްފައިވާނަމަ، އެ ކުޅުންތެރިއެއްގެ ކުރީގެ ޓީމަށް ބަދަލު ދިނުމުގައި އައު ކްލަބާއި ކުޅުންތެރިޔާ ގުޅިގެން ޒިންމާވާންޖެހެއެވެ.

ޑިއާރާގެ ފަރާތުން ވަނީ، މި ގަވާއިދުގައިވާ މާއްދާގެ ސަބަބުން، އޭނާގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށް ވަނީ ދައުވާ އުފުލާފައެވެ. އެއީ، 2014 ވަނަ އަހަރު ރަޝިޔާގެ ކްލަބު ލޮކޮމޯޓިވް މޮސްކޯއާއެކު އޭރު ހަދާފައި އޮތް ކޮންޓްރެކްޓް އުވާލުމަކީ ކުޅިވަރުގެ ޤާނޫނާ ވެސް ހިލާފުވާކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އޭގެތެރޭގައި، 2015 ވަނަ އަހަރު ބެލްޖިއަމްގެ ޗާލަރޮއި އަށް ޑިއާރާ ބަދަލުވުމަށް ކުރި މަސައްކަތުގެ ތެރެއިން ބައިނަލްއަގުވާމީ ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ) ދޫކުރަން ފީފާއިން އިންކާރުކުރުމަކީ ވެސް އެ ގަވާއިދުތަކުގެ ސަބަބުން އައު ކްލަބަކަށް ދިއުމަށް ބޭނުންވާ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ކޯޓުން ނިންމާފައިވެއެވެ.

މި މައްސަލައިގައި ފީފާއާ ދެކޮޅަށް ނިންމި ނިންމުންތަކާ ގުޅިގެން، އެ އިދާރާ އިން މިހާރު ވަނީ ގަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތުގެ ތެރެއިން ފުޓްބޯޅައިގެ ދާއިރާގެ މަސްޢޫލުވެ އުޅޭ ފަރާތްތަކާއެކު "ދުނިޔޭގެ ފެންވަރުގައި މަޝްވަރާކުރުމުގެ" މަސައްކަތް ފަށާނެ ކަމަށް އިޢުލާންކޮށްފައެވެ.

"ޑިއާރާގެ މައްސަލައިގެ ނިންމުމަކީ ފީފާގެ ގަވާއިދުތައް އިތުރަށް ޒަމާނާ އެއްގޮތަށް ބަދަލުތައް ގެނައުމަށް ލިބިގެންދިޔަ ފުރުޞަތެއްގެ ގޮތުގައި ފީފާއިން ދެކޭ. މިއީ 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސް އިޢުލާންކޮށްފައިވާ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ފީފާގެ ޗީފް ލީގަލް އެންޑް ކޮމްޕްލަޔަންސް އޮފިސަރ އެމީލިއޯ ގާސިއާ ސިލްވެރޯ ވިދާޅުވިއެވެ.

އަދި، ޑިއާރާގެ މައްސަލަ ނިމުނުގޮތުގެ ސަބަބުން، ޓްރާންސްފާ ނިޒާމުގެ މުހިއްމު އުޞޫލުތަކުގެ ޤާނޫނީ ހައިސިއްޔަތު އަލުން ކަށަވަރުކުރެވިފައިވާތީވެ، ފީފާ އިން އެކަމާ ހިތްހަމަޖެހޭ ކަމަށް ވެސް ފީގާގެ ފަރާތުން ވާހަކަދެއްކެވި ސްޕޯކްސްމަނެއް ވަނީ ވިދާޅުވެފައެވެ.