ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީ ހޯދައިދޭން "އެމްޕަވަމެންޓް ހަބް" ޤާއިމުކުރަނީ


  • ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބޭނެ

  • އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވޭނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައި ދިނުމަށް "އެމްޕަވަމަންޓް ހަބް" ގެ ނަމުގައި ޚާއްސަ މަރުކަޒެއް ޤާއިމުކުރަން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެމްޕަވަރމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެއްކަމަށެވެ. މިގޮތުން، އެ މަރުކަޒު ޤާއިމްކުރުމުން އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބުމާއި އެމީހުންގެ ޤާބިލުކަން އިތުރުވެ، އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވިގެންދާނެކަމަށެވެ.

މި މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ލިބޭނެކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ އެމީހުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމުގެ ރަނގަޅު ފުރުޞަތެއްކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އެ މަރުކަޒު ވާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް ހުރަހަކާއި ނުލާ ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ތަނަކަށްކަމަށެވެ. އެންކަމުން، މި މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް މާހައުލަކުން ޚިދުމަތް ލިބިގެންދާނެ މަރުކަޒަކަށް ވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެމްޕަވަރމަންޓް ހަބުގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވިގެންދިއުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މަސައްކަތްތެރިން ހޯދުމުގެ ފުރުޞަތުވެސް ވިޔަފާރިތަކަށް ލިބޭނެކަމަށެވެ. އަދި އެ މަރުކަޒުގެ ޒަރިއްޔާއިން ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ވިޔަފާރިތަކަށް ހިތްވަރު ލިބިގެންދާނެއެވެ.

އެމްޕަވަރމަންޓް ހަބް ޤާއިމްކުރުމަށް މި މަރުކަޒު ހިންގާނެ ގޮތުގެ މޮޑެލް ފައިނަލް ކުރުމާއި މަރުކަޒު ހިންގާނެ ޖާގަ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.