މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބާރުތައް ލިބިދޭގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި އިސްލާހު މިއަހަރުގެ ތެރޭގައި ގެންނަވާނެކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.
ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީގެގޮތުގައި ދައުލަތަށް ނުލިބި ގާތްގަނޑަކަށް 16 ބިލިޔަން ރުފިޔާ އެބަހުރި ކަމަށް މީރާއިން ވިދާޅުވެއެވެ. އަދި އެފައިސާގެތެރޭގައި ޖޫރިމަނާގެގޮތުގައި އަރާފައިވާ ފައިސާވެސް ހިމެނެއެވެ.
މީރާއިން ވިދާޅުވިގޮތުގައި ޓެކްސް އާމްދަނީގެގޮތުގައި ގާތްގަނޑަކަށް 7 ބިލިޔަން ރުފިޔާއަދި ޓެކްސް ނޫން އާމްދަނީގެގޮތުގައިވެސް 7 ބިލިޔަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2020 ވަނަ އަހަރު 3 ވަނަ އިޞްލާޙު ވަނީ ގެނެސްފައެވެ. އެގޮތުން މި ޤާނޫނުގެ 50 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައިވާގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިގޮތަށް އިޞްލާހު އޮތުމުގެ ސަބަބުން އެ ފައިސާ ހޯދުމުގެ މަރުހަލާ ދިގުލައިގެން ދިއުމާއި، އެނޫންވެސް ބައެއް ދަތިތަކާ ކުރިމަތިލާންޖެހޭކަން ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރައްވައެވެ. އެހެންކަމުން ޤާނޫނަށް އިޞްލާހު ގެނެސް ފައިސާ ފަސޭހައި ހޯދޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އިސްލާހު ކުރެއްވުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ. އަދި ކުރިން އޮތްގޮތަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ފައިސާ ބަލައިގަތުމާއި ޝަރީޢަތް މެދުވެރިކޮށް ފިޔަވަޅު އެޅުމުގެ ބާރު މީރާއަށް ދެއްވާނެކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީޢަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ހުށަހެޅުމުގެ ކުރިން، އެ ފައިސާ އެފަރާތުން ހޯދުމަށްޓަކައި ވަކި ފިޔަވަޅުތަކެއް މީރާއަށް އެޅުމުގެ ބާރު މިހާރުވެސް ވަނީ ދީފައެވެ.
އެގޮތުން ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމާއި ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރުމާއި، ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ ޚިދުމަތެއް ދިނުން ހިފެހެއްޓުން ހިމެނެއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވަނީ މީރާއަށް ނުލިބި ހުރި ފައިސާތައް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.