ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަށާފައިވާ މަޝްރޫޢު "އެންދެރި ޕްރޮޖެކްޓް"ގެ ދަށުން ލ.އަތޮޅުގެ 3 ޖަމްޢިއްޔާއަކަށް 1.5 މިލިޔަން ރުފިޔާގެ އެހީ ދީފިއެވެ.
މި ޖަމްޢިއްޔާތަކަށް އެހީ ހަވާލުކޮށްދީފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލ.އަތޮޅުގެ 3 ޖަމްޢިއްޔާއަކަށް ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 1.5 މިލިޔަން ރުފިޔާގެ އެހީ ދީފައިވާކަމަށެވެ. އަދި ލ.އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި 3 ކައުންސިލްއަކަށް 6 މިލިޔަން ރުފިޔާ ފޯރުކޮށްދީފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި އެހީގެ ސަބަބުން ލ.އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ރައްކާތެރިކޮށް ބަލަހައްޓާ ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ބެލެހެއްޓުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށާއި ލޯކަލް ކައުންސިލްތަކަށް ލިބިގެންދާނެކަމަށެވެ.
ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގައި ލޯކަލް ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުން މުހިންމު ދައުރެއް އަދާކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެންދެރި" އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފުރަތަމަ ފަހަރަށް އެހީ ދީފައިވަނީވެސް ލ. އަތޮޅުގެ 9 ރަށަކަށެވެ. އެއީ 2023 ވަނަ އަހަރުގައެވެ.