ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އެދިފައިވަނިކޮށް، މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެއެވެ.
ކޯޓުން އެދިފައިވަނީ މިއަދުގެ ނިޔަލަށް އެޕާޓްމަންޓް ފުލުހުންނާ ހަވާލު ކުރުމަށެވެ. މި މައްސަލައާ ގުޅިގެން ބައްސާމްގެ ވަކީލުންގެ ފަރާތުން ކޯޓުގައި ވަނީ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދިފައެވެ. އަދި މި ސިޓީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބުދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކޯޓުން މައުލޫމާތުދެއެވެ.
ކޮވިޑް-19 ގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ބައެއް ފައިސާއިން، އަމީން އެވެނިއުއިން ބައްސާމް ގަނެފައިވާ އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
ކޮވިޑާ ގުޅިގެން ފުޓްބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވިއިރު، ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުޙައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ ފުލެޓް ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފައިސާއިން 3،084،000 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން މީގެ ކުރިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.