ޚަބަރު

ދޮގު ޚަބަރު ފެތުރުމާއި ފިތުނަ އުފެއްދުމުގެ ރޫހު ނައްތާލަންޖެހޭ!


  • ރައީސް ގޮވާލެއްވީ ދޮގު ޚަބަރު ފެތުރުމުން ދުރުހެލިވެ ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުމަށް

މުޖުތަމަޢު ފަސާދަކުރުމަށާއި، ރަނގަޅު މަގަށް ހުރަސް އެޅުމަށް ބޭނުންކުރާ އެންމެ ނުބައި ވަސީލަތަކީ ދޮގުވާހަކަތާއި ދޮގު ޚަބަރުތައް ފެތުރުމެވެ. ރަސޫލު ބޭކަލުންގެ ދުވަސްވަރު ދުޝްމަނުން އެބޭކަލުންނާއި ބެހޭގޮތުން ދޮގުވާހަކަތައް ހަދައި، އެބޭކަލުންގެ ރިސާލަތުތައް ދޮގުކުރިކަން ރަސޫލުންގެ ސީރަތުން ފެންނަން އެބަހުއްޓެވެ.

އެދުވަސްވަރުން ފެށިގެން މިއަދާހަމައަށް އައިރު ދުނިޔެއަށް އައިސްފައިވާ ކުރިއެރުމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާވެ އާންމުވެފައިވާ މިންވަރަށް ބަލާއިރު ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަންމުން ދޮގުހެދުން، މާތްﷲ މަނާކުރައްވައި، ދޫރައްކާތެރިކުރުމަށް އަންގަވާފައިވެއެވެ. ނެތިމޮށުމާއި ޣީބަބުނުން ނަހީކުރައްވައި ޔޯލަ ވާހަކަތައް ދެއްކުން މަނާކުރައްވާފައިވާކަން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުގައި ފެންނަން އެބައޮތެވެ.

ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 898 އަހަރު ފާހަގަކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދޮގު ޚަބަރު ފެތުރުމާއި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައަށް ލިބެމުންދާ ނޭދެވޭ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާއްލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މިއަދު ދިވެހި މުޖުތަމަޢުއި ދޮގު ޚަބަރުތައް ފެތުރުމުގެ އާދަ އޮތްކަމަށާއި އެކަމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގެއްލުމާއި ނުރައްކާތައް ކުރިމަތިވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

އާއިލާ ތެރޭގައިއާއި ރައްޓެހި ރަޙުމަތްތެރިންގެ މެދުގައާއި އަދާކުރާ ވަޒީފާގެ މާހައުލުގައި ދޮގު ޚަބަރުތައް ފަތުރާ ފިތުނަ އުފެއްދުމުގެ ގޮތުން ދެބައޮޑުވާކަން ފާހަގަކުރައްވާ ރައީސް ވަނީ މިކަންކަމުން ގެއްލުން ލިބެނީ ކިހާ މީހުންނަކަށްތޯ ސުވާލު އުފައްދަވާފައެވެ. މިފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދާކަމަށާއި ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބަ އޮޑުވުމާއި ނެތިނުބައިކިޔުމުގެ ސަބަބުން ރޫޅިކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟ މި ފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުޑަ މާހައުލެއްގެ ތެރޭގައި އުފެދޭ ދޮގު ޚަބަރެއްގެ ސަބަބުން އެކަން ބޮޑުވަމުން އައިސް މުޅި ދިވެހި ދަޢުލަތަށް އޭގެ އަސަރުކޮށް އެތަކެއް ގެއްލުންތަކެއް ލިބިފައި ހުރިކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ދޮގު ޚަބަރުތައް ނުފެތުރުމަށް އެދިވަޑައިގެން ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުން ނަމޫނާ ނެންގުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުއްވުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން ދިވެހިން ކޮންމެ ރައްޔިތަކަށްވެސް ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބެއެވެ. އިސްލާމްދީނާ ޚިލާފު ނޫން ކޮންމެ ވާހަކައެއް ދެއްކުމުގެ މިނިވަންކަން އެބައޮތެވެ. އެހެންނަމަވެސް މިއަދު ފެންނަން އޮތް ޙަޤީގަތަކީ ވާހަކައެއް އަޑު އިވޭއިރަށް ނުވަތަށް ޚަބަރަށް ލިބޭއިރަށް އެކަމުގެ ދޮގު ތެދު ބެލުމެއްނެތި ސޯޝަލް މީޑިއާއާއި ޚަބަރު ފަތުރާ މަންސަތަކުގައި ޝާއިއުކުރުމެވެ.

ގިނަ ފަހަރަށް މިފަދަ ކަންކަން މީހުން ކުރަނީ އެ މީހަކު އެކުރާ ޕޯސްޓަކަށް ލައިކާއި ޝެއާރތައް އިތުރުކޮށް ސޯޝަލް މީޑިއާގައި މަޤުބޫލުކަން ހޯދާށެވެ. ނަމަވެސް އެގޮތަށް ދޫކޮށްލާ ޕޯސްޓަކުން އަނެކާއަށް ކުރާނެ އަސަރާމެދު ގިނަ ފަހަރަށް އޮންނަނީ ވިސްނާ ނުލެވިއެވެ. ވިސްނާނުލާ ކުރެވޭ މިފަދަ ކަންކަމުގެ ނަތިޖާއެއްގެ ގޮތުން އާޢިލާތައް ރޫޅި ޤައުމުގެ މިނިވަންކަމަށާއި ޤައުމީ ސަލާމަތަށް ނުރައްކާވުމުގެ އިތުރުން ޤައުމުގެ އިޤްތިޞާދީ ޙާލަތަށްވެސް ލޮޅުން އަރަން މެދުވެރިވެއެވެ.

ބާލާލުމެއް ނެތި ދޮގު ޚަބަރުތައް ފެތުރުމުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބޮޑެތި ހަމަނުޖެހުންތައްވެސް ހިނގާފައި އެބަހުއްޓެވެ. ޤައުމުތަކުގެ މެދުގައި ހަނގުރާމަތައް ފަށާ މިކަމުގެ ސަބަބުން އަދިއަދަށް ދާންދެންވެސް އެފަދަ ކަންކަމުން މިންޖު ނުވެ ތިބި މަންޒަރު ފެންނަން އެބައޮތެވެ.

އެހެންކަމުން ދޮގު ޚަބަރު ފަތުރާ މީހުންނަކީ މުޖުތަމަޢުގައި ހިމެނޭ ވިހަ ގުނަވަނަކަށްވާއިރު، މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަންވީ މިފަދަ ނޭދެވޭ ކަންކަމުން ދުރުހެލުވުމަށެވެ. ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަތަކުން ދުރުހެލިވެ އެއްބައިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށެވެ. މުސްލިމުންގެ މުޅި ޙަޔާތުގެ މޮޓޯއަކަށް ވާންޖެހޭނީ ހެޔޮ ކަންކަން ކުރުމާއި، ނުބައިކަންކަމުން ދުރުހެލިވެ ތެދު ބަސް ބުނާބަޔަކަށްވުމަށެވެ.