ޚަބަރު

ޖަޒީރާ ރަށްތައް ގުޅުވައިދިން ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް 62 އަހަރު!


  • ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 4

  • ރާއްޖޭގައި ރަސްމީކޮށް ބްރޯޑްކާސްޓިން ޚިދުަމަތް ފެށީ ރޭޑިއޯއިން

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، އެ ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ.

‎ރާއްޖެއަކީ ބްރޯޑްކާސްޓިން ސިނާޢަތުގައި ދިގު ތާރީޚެއް އޮތް ޤައުމެކެވެ. 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ރާއްޖޭގައި ރަސްމީކޮށް ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށިގެންއައީ ރޭޑިއޯގެ ޚިދުމަތާއެކުގައެވެ.

‎އޭރު ރޭޑިއޯގެ ޚިދުމަތް ދެމުން އައީ މަދު ވަގުތުކޮޅަކަށް ރާއްޖޭގެ ވަކި ހިސާބަކަށެވެ. ނަމަވެސް މިއަދު ދާއިރާއަށް އައި ކުރިއެރުންތަކާއެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ރޭޑިއޯގެ ޚިދުމަތް 24 ގަޑިއިރަށް ފޯރުކޮށްދެއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށިތާ މިއަހަރަށް 62 އަހަރުވާއިރު ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގެ ތެރެއިން، ޓީވީގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ޓީވީ މޯލްޑިވްސްގެ ޚިދުމަތާއެކުގައެވެ.

‎ރާއްޖޭގައި އަބަދުވެސް ނޫސް މަޖައްލާ ނެރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް އޮތްނަމަވެސް ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް އޭރު އޮންނަނީ ސަރުކާރަށް ޚާއްޞަކުރެވިފައެވެ. ނަމަވެސް 2006ވަނަ އަހަރު ޕްރައިވެޓް ބްރޯޑްކާސްޓިންއަށް ސަރުކާރުން ފުރުޞަތު ހުޅުވާލިއެވެ. މި ފުރުސަތާއެކު އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފައިވަނީ 2007ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ.

‎މިހާރު ޓީވީ އާއި ރޭޑިއޯ ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް އެކި ފަރާތްތަކުން ފޯރުކޮށްދެމުން އަންނައިރު ބްރޯޑްކާސްޓްކުރުމުގެ އިތުރަށް ރީ-ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްވެސް ވަނީ ފަހިވެގެންގޮސްފައެވެ.

‎މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި މިހާތަނަށް ބްރޯޑްކާސްޓިންގެ 35 ލައިސަންސް އެ ކޮމިޝަނުން ވަނީ ދޫކުރައްވާފައެވެ. މީގެ ތެރޭގައި 31 ޓީވީއާއި 4 ރޭޑިއޯ ލައިސަންސް ހިމެނެއެވެ. އަދި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް 2 ފަރާތަކަށް ވަނީ ލައިސަންސް ދޫކޮށްފައެވެ.

ރާއްޖޭގެ ބްރޯޑްކާސްޓްކުރުގެ ޚިދުމަތަށް ބައިޤަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ އެކި ގޮތްތަކުން މުހިންމު ދައުރެއް އަދާކޮށްފައިވާ ޚިދުމަތެކެވެ.

މިއަދު މިދެކޭ ޑިޖިޓަލް ދައުރު ފެށުމުގެ ކުރިން ރާއްޖޭގައި ހިނގާ ކަންކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައިވަނީ ގޮންޖެހުންތަކާއެކުގައެވެ. ރާއްޖޭގެ ރަށްތަކަކީ ވަކިވަކިން އޮންނަ ރަށްތަކަށްވާތީ ބްރޯޑްކާސްޓިން ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ ޓެކްނިކަލް ގޮތުންނާއި އިންޖިނިއަރިންގގެ ގޮތުން އޭރު ދަތިކަމެކެވެ.

މި ޒަމާނުގައި އޮންލައިންކޮށް ވަގުތުން އެކި މައުލޫމާތު ލިބުނުނަމަވެސް އޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާއި ރާއްޖޭގައި ފެތުރޭ ބަލިމަޑުކަމާއި އެހެނިހެން މުހިންމު ކަންކަން ރައްޔިތުންނަށް ލިބިގެންދަނީ ޓީވީއާއި ރޭޑިއޯގެ ޒަރީއާއިންނެވެ. ރަށްރަށުގައި ދިރިއުޅޭ ކުދި މުޖުތަމަޢުތަކަށް ކަންކަން އަންގައިދިނުމާއި އުނގަންނައިދިނުމާއި ހިތްއުފާކޮށްދިނުމަށް އޮތް އެންމެ މުހިންމު ވަޞީލަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ތަޖުރިބާކުރީ ބްރޯޑްކާސްޓިންގެ ޚިދުމަތެވެ.

މިއަދުވެސް ބްރޯޑްކާސްޓިން ދާއިރާއަށް ދަނީ ތަފާތު އެކި ކަންކަން އިތުރުވަމުންނެވެ. ޓީވީ އާއި ރޭޑިއޯ ބްރޯޑްކާސްޓިންގެ އިތުރުން މިހާރު ކޮމިއުނިޓީ ބްރޯޑް ކާސްޓިން ފެށުމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ތައްޔާރުވެފައެވެ.

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ ވަކި ސަރަހައްދެއްގެ ޝައުގުވެރިކަން ހިމެނޭ ކަންކަން ކުރިއެރުވުމަށް ސިޔާސީ މަގުސަދެއް ނުހިމެނޭ ގޮތަށް ފޯރުކޮށްދެވޭ ބްރޯޑްކާސްޓިން ޚިދުމަތެކެވެ. މި ޚިދުމަތަކީ މާލީ މަންފާއެއް ހޯދުމަށް ފޯރުކޮށްދެވޭ ޚިދުމަތެއް ނޫނެވެ.

‎މިހާރުވެސް ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްސަ ހުއްދައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ދެއްވާފައެވެ. އެގޮތުން، މި ހުއްދަ ދީފައިވަނީ ރ. ދުވާފަރުގައި ހުންނަ ދުވާފަރު ޕްރައިމަރީ ސްކޫލަށެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓް ކާމިޔާބުކަން ކޮމިޝަނުންވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެއަކަސް ރާއްޖެއިން އަންނަނީ ބްރޯޑްކާސްޓިން ދާއިރާގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ފައިހަމަކުރަމުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައިވެސް އަންނަނީ ބޭނުން ކުރަމުންނެވެ.