ޑްރޯން ބޭނުންކޮށްގެން އެއްރަށުން އަނެއް ރަށަށް ބޭސް އުފުލުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މީގެ ކުރިން ވަނީ އެކަމުގެ ޓެސްޓް ދަތުރުތަކެއް ބާއްވާފައެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ދިވެހިންގެ އަޑު ދުނިޔެއަށް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ޚިދުމަތް ކޮންމެވެސް އެއް އަތޮޅެއްގައި ވަރަށް އަވަހަށް ފަށާނެކަމަށެވެ.
ވަޒީރު ވިދާޅުވީ މި ނިޒާމް ޤާއިމްކުރުމުން އެ އަތޮޅެއްގެ މައި ހޮސްޕިޓަލް ހުންނަ ރަށަކުން އެހެން ރަށްތަކަށް ބޭސް ފޮރުކޮށްދެވޭނެ ނިޒާމް ޤާއިމްވެގެން ދާނެކަމަށެވެ. މީގެ އިތުރުން މާލެއިން ފަސޭހައިން ބޭސް ފޮރުކޮށްދެވޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރުމަށްވެސް މަސައްކަތް ކުރަމުން ގެންދާކަމަށް ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
"ޚިދުމަތްތައް ލަސްތަކެއް ނުވެ ކޮންމެވެސް އެއް އަތޮޅެއްގައި ފަށާނެ. ޓެކްނޮލަޖީގެ އެހީގައި މި ކަނެކްޓިވިޓީ މިވަނީ ވަރަށް މުހިއްމު އެއްޗަކަށް." ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ޑްރޯން ބޭނުންކޮށްގެން އެއްރަށުން އަނެއްރަށަށް ބޭސް އުފުލުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މީގެ ކުރިންވަނީ ޑްރޯންގެ ބޭނުންކޮށްގެން ލެބޯޓްރީތަކަށް ސާމްޕަލް އުފުލުމުގެ ޓެސްތް ބުރެއްވެސް ބާއްވާފައެވެ.
ޑްރޯން ބޭނުންކޮށްގެން ސާމްޕަލް އަދި ބޭސް އުފުލުމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަކަމެވެ. ނަމަވެސް ރާއްޖޭގައި މި މަސައްކަތް އަލަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު މީގެ ސަބަބުން ރަށްރަށުން ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ސަރުކާރުން ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު މިހާރުވެސް މި ޚިދުމަތަށް އައު ޚިދުމަތްތަކެއް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވާއިރު ހޮސްޕިޓަލްތަކުން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އައު ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް މަސައްކަތްތައް ކުރަމުން އަންނައިރު އައު ޚިދުމަތްތައް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.