ޚަބަރު

ޞިއްޙީ ދާއިރާއިން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުޞަތު އިތުރުކުރުމަށް މަޝްވަރާކުރައްވައިފި


  • ރައީސް މި މަޝްވަރާތައް ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރާއެކު

  • އެެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށްވެސް މަޝްވަރާކުރައްވާފައިވޭ

ޞިއްޙީ ދާއިރާއިން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުޞަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްވަރާ ކުރެއްވީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިންނެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި މެޑިކަލް ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތަކުން އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އެޑްވައިޒަރ ޑރ. ޔޫނުސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކަނޑުތަކާއި ގުޅިފައިވާ އިޤްތިޞާދީ ފުރުޞަތުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ފުރުޞަތުތަކުގެ ބޭނުން ހިފުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުން ޙިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.