ޚަބަރު

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"


  • ހުކުރު ޚުޠުބާގެ މައުޞޫއަކީ ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން

  • އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށް ވިދާޅުވި

ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ ބޮޑަށް، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޞޫއަކީ ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުމެވެ.

ޚުޠުބާގައި ވިދާޅުވީ އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް އޮތް މީހެއް ކަމަށެވެ.

ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއްކަން ހަނދާންކޮށްދީ ޚުޠުބާގައި ވިދާޅުވީ، ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި، ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއްކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބައެއް ކަމަށެވެ. އެ ފަދަ ފަރާތްތަކުން ވެފައިވާ ޢަހުދާއި ހުވަޔަށް ޙުރުމަތްތެރިކޮށް ހިތާންވާނެ ކަމަށާއި ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

" ޙަޤީޤަތުގައި ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ޙަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ! ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީއެވެ. އެ ދުވަހަކީ ތިމާ މި ދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫނެވެ. ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ޢަދުލުއިންސާފުގެ ކުރިމަތީގައި މޮޅެއް ދެރައެއްގެ ތަފާތެއް އޮވެގެން ނުވާނެކަމަށެވެ. ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭނެކަމަށެވެ.

ޚުޠުބާގައި ވިދާޅުވީ ކީރިތި ރަސޫލާގެ ޒަމާނުގައި، ޤުރައިޝުވަންހައިގެ ޝަރަފުވެރި އަންހެނަކު ވައްކަންކުރުމުން، އޭނާގެ މައްޗަށް ވައްކަމުގެ ޙައްދު ޤާއިމުނުކުރައްވައި ދޫކޮށްދެއްވައިތޯ އުސާމާ ބުނު ޒައިދު މެދުވެރިކޮށް، ޤުރައިޝުން ކީރިތި ރަސޫލާގެ އަރިހުގައި ސުވާލުކުރި ކަމަށެވެ.

" އެ ހިނދު، އެކަމާ ކޯފާއިސްކުރައްވައި ޙަދީޘްކުރެއްވިއެވެ. މާނައީ: ކަނޑައަޅުއްވައިފައިވާ ޙައްދެއް ޤާއިމުނުކޮށް ދޫކޮށްލުމަށް ކަލޭގެފާނު ތިމަންކަލޭގެފާނުގެ އަރިހުން ޝަފާޢަތަށް އެދެނީހެއްޔެވެ؟" އެއަށްފަހު ޙަދީޘްކުރެއްވިއެވެ. މާނައީ: މާތް الله ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވިކަމުގައި ވިއަސް، ތިމަންކަލޭގެފާނު އެ ކަމަނާގެ އަތްޕުޅު ވެސް ކަޑުއްވާހުށީމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ވަޒީފާތަކާއި، މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެކެވެ. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ނުދޭ ނަމަ، އެއީ ދީނާއި ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށެވެ.

އަމިއްލަ މަޞްލަޙަތު އިސްކުރުމަކީ، އަދާކުރާން ޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމަށާއި، ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ ބޮޑަށް، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޤައުމުގެ ވަޙްދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދީ، ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫޙެއް ހުރެގެންކަން ހަނދާންކޮށްދީ މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.