ޚަބަރު

ކެމިކަލް ރައްކާކުރާ ތަންތަން ބަލާ ފާސްކުރަން ޙާއްސަ އޮޕަރޭޝަނެއް ފަށަނީ


  • އޮޕަރޭޝަން ފަށަނީ އަންނަ މަހު

ކެމިކަލް ރައްކާކުރާ ތަންތަން ބަލާ ފާސްކުރަން ޙާއްސަ އޮޕަރޭޝަނެއް ފަށަން ދިފާއީ ވުޒާރާއިން ނިންމަވައިފިއެވެ.

"އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަން ފަށާނީ އަންނަމަހުގެ 1 ވަނަ ދުވަހުކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތަންފީޒު ކުރުމުގެ ގޮތުން ވުޒާރާތަކާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދަނީ, މުޖުތަމައުގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ކަންކަން ފާހަގަކޮށް އެ މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ގަވައިދުތައް ފުރިހަމައަށް ތަންފީޒު ކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ކުރުން ލާޒިމު ކަމެއް ކަމަށްވާއިރު، ގާނޫނުތަކުން ރެގިއުލޭޓް ކުރުމަށް ދިފާއީ ވުޒާރާއަށް މަތިކޮށްފައިވާ ކަންކަން ތަންފީޒު ކުރެވޭކަން ކަށަވަރުކުރުމަށް އެ ވުޒާރާއިން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ދީފާއީ ވުޒާރާއިން ވިދާޅުވިއެވެ.

އެކި ބޭނުންތަކަށް ނުރައްކާތެރި ކެމިކަލްތައް އެތެރެކުރުމުގެ ހުއްދަ ދިނުމާއި އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމަކީ ވުޒާރާއިން ރެގިއުލޭޓް ކުރާ ކަމަކަށްވާއިރު ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ޓަކައި އެފަދަ ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމަކީ ގާނޫނީ ގޮތުން އެވުޒާރާއަށް ލިބިފައިވާ އިޚުތިޔާރެކެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ ނުރައްކާތެރި ކެމިކަލް ރައްކާކުރަން ހުއްދަ ދެނީ ގާނޫނީ އިމުގެ ތެރެއިން ނަމަވެސް އެތަކެތި ގެންގުޅުމުގައި ބައެއް ފަރާތްތަކުން ޤަވާއިދާ ޚިލާފުވާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން، އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން ކެމިކަލް ރައްކާކުރާ ތަންތަން އިންސްޕެކްޓް ކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ޤަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް، ޒޯނުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ވުޒާރާއިން ވިދާޅުވިއެވެ.

އެވުޒާރާއިން ވިދާޅުވީ މިކަމަކީ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ތަންފީޒު ނުކުރެއްވިއްޖެނަމަ އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެންދިއުމަށް ހުޅުވޭ ދޮރެއް ކަމަށް ދެކޭ ކަމަށެވެ.

ދިފާއީ ވުޒާރާއިން މިފަދައިން ފާހަގަކުރައްވާފައިވާއިރު މާލޭގައި މީހުން ދިރިއުޅޭ ހިސާބުތަކުގައި ގިނަ އަދަދަކަށް ނުރައްކާތެރި ކެމިކަލްތައް މީގެކުރިން ރައްކާކޮށްފައި ހުއްޓެވެ. ނަމަވެސް ފަހުން ވަނީ އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުން މަނާކޮށްފައެވެ. އެގޮތަށް ނިންމީ މާލޭގައި މީގެ އަަހަރުތަކެއް ކުރިން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކަށްފަހުގައެވެ. އަދި މާލޭގައި ހުރި ކެމިކަލް ގުދަންތައް ވަނީ ތިލަފުއްޓަށް ބަދަލުކޮށްފައެވެ.