ޚަބަރު

ޑިވެލޮޕްމަންޓް ބޭންކް ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ވަޒީރު ސަޢީދު ބައްލަވާލައްވައިފި


  • މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ހުންނަނީ އެލައިޑް ބިލްޑިންގެ ތިރީގައި

  • މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް

ރާއްޖޭގައި ޤާއިމުކުރާ ޑިވެލޮޕްމަންޓް ބޭންކް ހުޅުވަން ތައްޔާރުކުރާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައްލަވާލައްވައިފިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ޤާއިމުކުރަނީ ޗާންދަނީ މަގާއި އަމީރު އަޙްމަދު މަގު ގުޅޭ ހަތަރުއަނގޮޅީގައި ހުންނަ އެލައިޑް ބިލްޑިންގެ ތިރީ ބުރީގައެވެ.

ޑިވެލޮޕްމަންޓް ބޭންކެއް ރާއްޖޭގައި ޤާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިހާރު އެ ބޭންކަށް ސީއީއޯއަކާއި ޗެއަރމަންއެއްވެސް ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ހުޅުވުމުން ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކަށްވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

އެލައިޑް ބިލްޑިންގުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ޤާއިމު ކުރުމަށް ބޭނުންވާގޮތަށް ތަން ތައްޔާރުކުމުގެ މަސައްކަތް ކުރަނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ބޭންކު ހުޅުވައި ޚިދުމަތްދޭން ފެށުމެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު، އުފެއްދުމަށް ލައިސަންސް ހޯދުމަށް އެދި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއަށް މިހާރު ވަނީ ހުށައަޅާފައެވެ.