ޚަބަރު

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން އުފެއްދި ރޮބޮޓް ދައްކާލަން ގްރީސްގެ މުބާރާތަކަށް


  • ޓީމުގައި ސްކޫލުގެ ގްރޭޑް 9ގެ 5 ދަރިވަރުން ހިމެނޭ

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ގްރީސްގެ އެތެންސްއަށް ފުރައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ރޮބޮޓިކްސް ޓީމް ފުރީ އިއްޔެއެވެ.

ގްރީސްގެ އެތެންސްގައި ބާއްވާ ފުރަތަމަ ގްލޯބަލް ޗެލެންޖުގައި ރާއްޖެ ތަމްސީލްކުރަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް) ރޮބޮޓިކްސް ޓީމެވެ. ޓީމުގައި އެ ސްކޫލުގެ ގްރޭޑް 9ގެ 5 ދަރިވަރުން ހިމެނޭއިރު އެއީ 3 ފިރިހެން ދަރިވަރުންނާއި ދެ އަންހެން ދަރިވަރުންނެވެ. މި ދަރިވަރުންނާއެކު އެ ސްކޫލްގެ 3 އިސްވެރިން މި ދަތުރުގައި ބައިވެރިވެއެވެ.

މި މުބާރާތުގައި ބައިވެރިވާ ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ކޯޑިންއާއެކު ރޮބޮޓެއް ތައްޔާރުކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ގްލޯބަލް ޗެލެންޖް އޮންނާނީ މިމަހުގެ 26 އިން 29 އަށެވެ. ގްރީސްގެ އެތެންސްގައި ކުރިއަށްދާ މި މުބާރާތުގައި 190އަށް ވުރެ ގިނަ ގައުމަކުން ބައިވެރިވެއެވެ.

ފަސްޓް ގްލޯބަލް ޗެލެންޖަކީ އޮލިމްޕިކްސް ސްޓައިލަށް ބާއްވާ ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތެކެވެ. ފަސްޓް ގްލޯބަލްއިން ކޮންމެ ގައުމަކަށްވެސް މުބާރާގައި ވާދަކުރުމަށް ރޮބޮޓެއް އުފައްދައި ޕްރޮގްރާމް ކުރުމުގެ ފުރުސަތު ދެއެވެ. އަދި އެ އުފެއްދުން ބައިލްއަޤްވާމީ މައިދާނެއްގައި ދައްކާލުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ އެމެރިކާގައި ހިންގާ ނޮން-ޕްރޮފިޓް ޕަބްލިކް ޗެރިޓީއެއް ކަމަށްވާ ފަސްޓް ގްލޯބަލްއިންނެވެ. ފަސްޓް ގްލޯބަލް އަކީ ހުރިހާ ގައުމެއްގެ ޒުވާނުންގެ މެދުގައި ސައިންސް އެންޑް ޓެކްނޮލޮޖީ ލީޑާޝިޕާއި އިނޮވޭޝަނަށް ހިތްވަރު ދީ، ވިސްނުން އިތުރުކޮށް، އެއްބާރުލުން ދިނުމުގެ މުހިންމުކަން އަންގައިދިނުމާއި، ދުނިޔޭގައި އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ.