ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގައި އައިސްޕްލާންޓް ޤާއިމުކުރުމަށާއި އައިސް ސްޓޯރޭޖް ޤާއިމުކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރިއަށްގެންދިއުމާއި ގުޅޭ އެއްބަސްވުމުގައި މިފްކޯއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ މިއަދު ސޮއިކޮށްފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާ ދެމެދު ޤާއިމްކުރި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރެވެ.
މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެއްބަސްވުމުގެ ދަށުން ޤާއިމްކުރާ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާ ކަމަށާއި މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަސް ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގައި މުޅިން އަލަށް ގާއިމްކުރާ އައިސްޕްލާންޓުތަކުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެއެވެ. މި ތިން ރަށުގައި އައިސްޕްލާންޓް ޤާއިމުކުރަނީ 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ. އެގޮތުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެތެރެއިން 5 އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ 6 ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.
މި ތިން ރަށުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މިއީ މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަސައްކަތުގެ އިތުރުންވެސް ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.