ޚަބަރު

ވޭޕްގެ ޝިކާރައަކަށް ކުޑަކުދިންނާއި ޒުވާން ޖީލު ޖެހި ނުރައްކާ ބޮޑުވަނީ!


  • ވޭޕް ބޭނުންކުރާ ޒުވާނުންނާއި ކުޑަކުދިން އިތުރުވަނީ

  • ކަންބޮޑުވުންތަކާއި ގުޅޭގޮތުން އެޑިއުކޭޝަނާއި ސްކޫލްތަކުންދަނީ މަޝްވަރާކުރަމުން

  • ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗަކުން ނަގާލަނީ އަގުނުކުރެވޭހާ އަގުބޮޑު ސިއްޙަތު

ވޭޕްކުރުމަކީ ޒަމާނީ ގޮތުން މާމޮޅުކަމެއްކަމުގައި ދެކިގެން އޭގެ ނޭދެވޭ އަސަރުގައި ޖެހެމުންދާ ޒުވާނުންގެ ޢަދަދު އިތުރުވަމުންދާ މަންޒަރު މުޖުތަމަޢުގައިވަނީ ޢާއްމުވެފައެވެ. މީގެ ނުރައްކާ މުޖުތަމަޢުގައި އޮތް މިންވަރު އެންމެ ރަނގަޅަށް ފެންނަ އެއްތަނަކީ ސްކޫލް މާޙައުލެވެ. ކަމުގެ ނުރައްކާ އޮތް މިންވަރު ޤަބޫލުކުރައްވާ ސްކޫލްތަކާއި ގުޅިގެން މިކަމުން ކުދިން ސަލާމަތްކުރުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން މިހާރުވަނީ މަސައްކަތް ފައްޓަވާފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށްވުރެ، ވޭޕްކުރުން ޒުވާނުންގެ މެދުގައި މިހާރުދަނީ ޢާއްމުވަމުންނެވެ. ބައެއް ފަރާތްތަކުން ވޭޕްގެ ބޭނުންކުރަނީ، ދުންފަތުގެ އިސްތިއުމާލުކުރުމަށްވުރެ އޭގެ ނުރައްކާ ކުޑަކަމަށް ޤަބޫލުކޮށްގެންނެވެ. އަދި ބައެއް ފަރާތްތަކުން ވޭޕްގެ ބޭނުންކުރަނީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލި ވުމުގެ ބޭނުމުގައިކަމަށް ބުނެއެވެ.

ހަމައެއާއެކު މިހާރު މުޖުތަމަޢުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވޭޕްގެ ވަބާގައި ސްކޫލް ކުދިން ޖެހި ކުދިންގެ ސިއްޙަތަށް ކުރަމުންދާ ނޭދެވޭ އަސަރެވެ. މިހާހިސާބުން އުފެދޭ ސުވާލުތަކަކީ ވޭޕްގެ ބޭނުންކުރާ މީހުންނަށް ވޭޕްގެ ޙަގީގަތާއި އޭގެ ނުރައްކާ އެނގެނީ ކިހާވަރަކަށްބާއެވެ؟ އަދި މިކަންކަމާ މެދު ބެލެނިވެރިންގެ ސަމާލުކަން ހުރީ ކިހާވަރަކަށްތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ ޤައުމުތަކުގައި ވޭޕްކުރުމުގެ ޘަޤާފަތްދަނީ ޢާއްމުވަމުންނެވެ. ރާއްޖޭގައިވެސް މި މައްސަލަ އިތުރުވަމުންދާއިރު ވަރަށް ކުޑަ ކުދިންގެ މެދުގައިވެސް މި ނުރަނގަޅު އާދަ ފެންނަކަން މިއީ ޙަގީގަތެކެވެ.

ކުޑަކުދިންގެ މެދުގައި ވޭޕްކުރުމުގެ އާދަ ޢާއްމުވަމުންދަނީ މުޖުތަމަޢުން ފެންނަ މަންޒަރުތަކާއި އެއީ "ކޫލް"ކަމެއްގެ ގޮތުގައި ބެލެވި ޒުވާނުންގެ މެދުގައި މަޤުބޫލުވަމުންދާތީކަމަށް ޑަބްލިއުއެޗްއޯގެ ދިރާސާއަކުންވަނީ ހާމަވެފައެވެ. ކަން މިހެން އޮތްނަމަވެސް ވޭޕްގެ ނުރައްކަލުގެ ވާހަކަތައް ޑޮކްޓަރުން ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ސްކޫލް ވެށިތެރޭގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެ އުނގެނުމުގެ މާޙައުލުގައި ތިބެންޖެހޭ ބައެއް ކުދިން ވޭޕްގެ ޝިކާރައަކަށްވަމުންދާކަމުގެ ކަންބޮޑުވުންދަނީ އިތުރުވަމުންނެވެ. މިކަމުގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރެވި ތަޢުލީމާ ބެހޭ ވުޒާރާއިން މިހާރުވަނީ ވޭޕްކުރުމާ ދެކޮޅަށް މަސައްކަތް ފައްޓަވާފައެވެ.

އެގޮތުން ސިއްޙީ މާހިރުންގެ އެހީތެރިކަމާއެކު ސްކޫލްތަކުގެ ވެރިންނާއި ޕީޓީއޭއަށް މިކަމުގައި އޮތް ކަންބޮޑުވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. ފުރަތަމަ ބައްދަލުވުން އަމާޒުކޮށްފައިވަނީ މާލެ ސަރަޙައްދުގެ ސްކޫލްތަކަށްކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.


ވޭޕްކުރުމާއި ގުޅޭގޮތުން ދިވެހި ޑޮކްޓަރުންގެވެސް ކަންބޮޑުވުން އެބައޮތެވެ. އެގޮތުން ފަހަކަށް އައިސް ވޭޕްކޮށްގެން ނޭވާހިއްލުމުގެ އުދަނގޫ ކުރިމަތިވެގެން އެޑްމިޓްކުރަންޖެހޭ ކުދިންގެ ޢަދަދު އިތުރުވަމުންދާކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.

ވޭޕިން ނުވަތަ އީ-ސިގިރެޓަކީ، އިލެކްޓްރޯނިކް ވަޞީލަތެއް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ވޭޕުކުރާއިރު އިލެކްޓްރޮނިކް ވަޞީލަތެއް ބޭނުންކޮށްގެން ދުންފަތުގައި ހިމެނޭ ކެމިކަލް މާއްދާއެއްކަމުގައިވާ "ނިކޮޓިން" އިތުރު އާޓިފިޝަލް ރަހައަކާއެކު ފުއްޕާމެއަށް ފޮނުވާލައެވެ. ސިނގިރޭޓް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރަނީ ދުންފަތް އަންދައިގެންނެވެ.

ވޭޕްކުރުމުގައި އީސިނގިރެޓްގައި ހިމެނޭ ދިޔައިގައި ހުންނަ މާއްދާތައް ހޫނުކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. ދެގޮތަށް ބަލާއިރުވެސް ހަށިގަނޑަށް ގެއްލުންވާކަން ކަށަވަރެވެ.


ވޭޕްކުރުމަށް ފްލޭވަރ ހިމެނޭ ދިޔާތަކެތީގައި ހިމެނޭ މާއްދާތަކަކީ ހަށިގަނޑަށް އޭގެ ނުރައްކާ ބޮޑު މާއްދާތަކެއްކަން ޖޯން ހޮޕްކިންގ ޔުނިވަރސިޓީގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެގޮތުން އޭގައި ހިމެނޭ ޑަޔަސީޓަލް އަކީ ވޭޕްގެ ރަހަތައް ގަދަކުރުމަށް ބޭނުންކުރާ މާއްދާއެކެވެ. އޭގެސަބަބުން ފުއްޕާމޭގައި އޮކްސިޖަން ދައުރުކުރާ ބްރޮންކިލްސްތައް ހަލާކުވާކަމަށް އެއޔުނިވަރސިޓީން ހާމަކުރެއެވެ. އަދި ވޭޕްގައި ހިމެނޭ ފޯމަލްޑިހައިޑްއަކީ ޓޮކްސިކް ކެމިކަލްއެއްކަމަށާއި އޭގެ ސަބަބުން ފުއްޕާމޭގެ ބަލިތައްޖެހި ހިތުގެ ބަލިތަކަށް މަގުފަހިކުރުވާކަމަށްވެސް ޖޯންހޮޕްކިންގްސްއިންވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ވޭޕްގައި ހިމެނޭ އެކްރޮލެއިންއަކީ ވޭޕްގައި ހިމެނޭ ވީޑް ކިލަރގެ ގޮތުގައި ބޭނުންކުރާ ވިހަ މާއްދާއެކެވެ. މިއީވެސް ފުއްޕާމޭ ހަލާކުކުރާ މާއްދާއެކެވެ.

މިއީ ހަށިގަނޑަށް ފައިދާއެއްނުކުރާ، ދާއިމީ ބޮޑެތި ސިއްޙީ މައްސަލަތަކަށް މީހާ ހުށައެޅުމަށް މަގުފަހިކުރާ އެއްޗަކެވެ. އެހެންކަމުން ސްކޫލް ކުދިންނާއި ޒުވާނުން މިވަބާއާއި ދުރަށްދާންޖެހެއެވެ. އަތުން ބޮޑު ހޭދައެއްކޮށްގެން ނަގާލެވެނީ ތިމާގެ ސިއްޙަތެވެ. ސިއްޙަތަށްވުރެ އަގު ބޮޑުއެއްޗެއްނެތެވެ. ފުއްޕާމޭގެ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ އެތައް ބަޔަކު މިކުޑަކުޑަ ރާއްޖޭގައި ތިބި އިރު އެއިން ކޮންމެ މީހަކުވެސް މިއަދު އެދެނީ ހެޔޮ ސިއްޙަތެއްގައިވާ މީހަކަށްވުމަށެވެ.