ޚަބަރު

ޔަހޫދީ ފައުޖުން ލުބްނާނަށް ބޮންއަޅައި 300އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާނަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 300 މީހުން ޝަހީދު ކޮށްލައިފިއެވެ. އެއީ, ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ޙަމަލާތަކެވެ. ލުބްނާންގެ ވަޒީރެއް ކަމުގައިވާ ނާޞިރު ޔާސީން ވިދާޅުވީ, ޔަހޫދީންގެ ނުރައްކާތެރި ޙަމަލާތަކުން ސަލާމަތްވުމަށް އެ ޤައުމުގެ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޔާސީން ވިދާޅުވީ, ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ގެދޮރު ނެތިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް 89 މަދަރުސާއަކާއި އެހެނިހެން އިމާރާތްތައް ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. އެ ތަންތަނުގައި 26,000އެއްހާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ތައްޔާރުވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނަޒަރު ލުބްނާންގެ ރައްޔިތުންނާ ދިމާއަށް އަނބުރައިލާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން 12 ވަނަ މަހަކަށް ދަންމައިލާފައިވާ ދަނޑިވަޅެއްގައެވެ. ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޔަހޫދީ ފައުޖުގެ އެތަކެއް ސަތޭކަ ހާސް ނިރުބަވެރި ސިފައިންނާއި ބަރުހަތިޔާރު ޖަމާ ކޮށްފައެވެ.

ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގެ އިތުރުން އިރުމައްޗާއި އުތުރުގައިވާ ރަށްތަކަށް ވެސް ވައިގެ ޙަމަލާތައް ދީފައިވެއެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 21 ކުޑަކުދިންނާއި 39 އަންހެނުން ހިމެނޭ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,024އަށް އަރައެވެ. އެއީ, 1975ން 1990އަށް އެ ޤައުމުގައި ކުރި ދާޚިލީ ހަނގުރާމައަށް ފަހު, އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަޅު, އަނދިރި ދުވަހެކެވެ.

ލުބްނާންގެ ރަށްތަކަށް ބޮންއަޅަން ފެށުމަށް ފަހު ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނީ, ކުރިއަށް އޮތީ ޔަހޫދީންނަށް އުނދަގޫ ދުވަސްތަކެއް ކަމުގައެވެ. ނަމަވެސް, އެ ސަރަޙައްދުގެ ސަލާމަތީ ހާލަތު މުޅިން ބަދަލު ކޮށްލާނެ ކަމަށް ބުނެ, އޭނާ ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއަށް އިންޒާރު ދީފައެވެ. އޭގެ މާނައަކީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ އެއް ފަދަ ޖާރީމާތަކެއް ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ފެށުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާތައް ލުބްނާންގެ ވެރިރަށް ބައިރޫތަށް ވެސް އަމާޒު ކޮށްފައިވެއެވެ. އަދި, ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޢަލީ ކަރްކީ ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުން މަސައްކަތް ކޮށްފައިވާ ކަމުގައި ލުބްނާންގެ ސަލާމަތީ ދާއިރާގެ މަސްދަރުތަކުން ބުންޏެވެ. ނަމަވެސް, އެ ކަން ކާމިޔާބު ކުރެވިފައިވާ ކަން ސާފެއް ނޫނެވެ.

ޒަޔަނިސްޓުންގެ އަނިޔާވެރި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ބުނީ, ލުބްނާނާ އިންވެގެން އޮންނަ ޔަހޫދީންގެ ރަށްތަކަކީ ޔަހޫދީންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފަހު މެނުވީ, ލުބްނާންގެ ޢާންމުން ޝަހީދުކޮށް ނެތިކޮށްލަން ދެމުންދާ ޙަމަލާތައް ހުއްޓައިނުލާނެ ކަމުގައެވެ. ނަމަވެސް, ޙިޒްބުاللهން ބުނީ, ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ސިފައިންނަށް އަމާޒުކޮށް އެ ޖަމާޢަތުގެ މުޖާހިދުން ދެމުންދާ ވަރުގަދަ އަދި ނުރައްކާތެރި ރޮކެޓު ޙަމަލާތައް ހުއްޓުމަކަށް ގެންނާނީ, ޣައްޒާ ޢުދުވާން ހުއްޓައިލުމުން ކަމުގައެވެ.

ޙިޒްބުاللهން ހަތިޔާރު ރައްކާކޮށްފައި ހުރި 800އެއްހާ ތަނަކަށް ވައިގެ ޙަމަލާތައް އަމާޒު ކޮށްފައިވާނެ ކަމަށް ޔަހޫދީ ފައުޖުން ބުނި ނަމަވެސް އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ޢާންމު ރައްޔިތުންގެ ގެދޮރާއި, ޢާންމުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޙިޒްބުاللهން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ މުހިންމު ރަށެއް ކަމުގައިވާ ޚައިފާގައި އިންޒާރުގެ ރަނގަބީލު އަޅައި, ބޮން ޝެލްޓަރތަކަށް ވަދެ, އެ ރަށުގެ ރައްޔިތުން ފިލިއެވެ.

ލުބްނާންގެ ރައްޔިތުން މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީ ފަދަ ތަކެތީގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ވެސް ޔަހޫދީ ފައުޖުން ދާދި ފަހުން ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 39އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އެއަށް ފަހު, ޙިޒްބުاللهގެ ދެ ކޮމާންޑަރުން ކަމުގައިވާ އިބްރާހީމް ޢަޤީލާއި އަޙްމަދު ވަހަބީ ޝަހީދު ކޮށްލަން ބައިރޫތަށް ދިން ޙަމަލާތަކެއްގައި އިތުރު 43 މީހުން ޝަހީދު ކޮށްލިއެވެ.

2006ވަނަ އަހަރު ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާނާ ދެކޮޅަށް މަހެއްހާ ދުވަހަށް ދެމިގެންދިޔަ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކޮށްފައެވެ. އެ ހަނގުރާމައިގައި ވެސް އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައިވާއިރު, ޔަހޫދީ ފައުޖުން ވަނީ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.