ތިމާވެށި

މަގުމަތީގައި ކުނި ނުބެހެއްޓުމަށް އިލްތިމާސްކޮށްފި


ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އަދި އެނޫންވެސް ތަންތަން ސާފުކުރުމަށްފަހު އުފެދޭ ކުނި މަގުމައްޗަށް ނެރެ ދުވާރު މަތީގައާއި މަގުމަތީގައި ނުބެހެއްޓުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރައްވައިފިއެވެ. 

އެ އެޖެންސީން އާންމުކުރި ބަޔާނެއްގައިވާ ގޮތުން ރަަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އަދި އާންމުކޮށް މީހުން ބޭނުންކުރާ ސަރަޙައްދުތައް ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އުފެދޭ ކުނި މަގުމައްޗަށް ނެރެ، ދުވާރުމަތީގަ އާއި މަގުމަތީގައި ބަހައްޓަމުން ގެންދާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. 

މިއީ ކުނި މެނޭޖްކުރާމާއި ބެހޭ ޤަވާއިދުގެ ދަށުން މަނާކަމެއްކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ. މިގޮތަށް ދުވާރު މައްޗަށާއި މަގުމަތީގައި ކުނި ޖަމާކޮށްފައި ބެހެއްޓުމުން އާންމު ސާފުތާހިރުކަމަށާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އެ އެޖެންސީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރަމަޟާންމަހާ ގުޅިގެން ހިންގާ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު އުފެދޭ ކުނި ވީހާވެސް މަދުކުރުމަށާއި، އުފައްދާ ކުނި މަގުމައްޗަށް ޖަމާކޮށްފައި ނުބެހެއްޓުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދިވަޑައިގެންފައެވެ. 

އެ އެޖެންސީ އިން ވަނީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ހިލާފަށް މަގުމަތީގައި ކުނި ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އާންމު މަސްތަކުގައި މާލޭގައި ދުވާލެއްގެ މައްޗަށް 1500 ބައިސްކަލާއި ހަތަރު ސަތޭކަ އަށްވުރެ ގިނަ ޕިކަޕް ލޮރީތަކުގައި ކުނި އުކާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއިން ދާދި ފަހުން ހެދި ސާރވޭއަކުން ވަނީ ދައްކާފައެވެ.