ޚަބަރު

ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ މެނޫއިން ދިވެހި ކެއުމެއް ފެނުމަކީ އުންމީދެއް: ވަޒީރު ސަޢީދު


  • ވަޒީރު މިހެން ވިދާޅުވީ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފައްޓަވައިދެއްވައި

  • މި އިވެންޓްގައި 120 ސްޓޯލް ވަނީ ބަހައްޓާފައި

ބައިނަލްއަޤްވާމީ އެއަރލައިންތަކުގައި ދިވެހި ކެއުންތައް ލިބޭން ހުންނާނެ ދުވަހެއް ދެކެން ބޭނުންވާކަމަށާއި އެކަމަކީ ނުވާނެކަމެއް ނޫންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްއަކީ ޓޫރިޒަމް ދާއިރާގެ ޚިދުމަތްތަކާއި އުފެއްދުންތައް ދައްކާލުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގައި ކޮންމެ އަހަރަކުވެސް ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކާއި ކުންފުނިތަކުން ބައިވެރިވެއެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފައްޓަވައިދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުން ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާސްގެ ފަސިންޖަރުންނަށް ފްލައިޓްތަކުގެ މެނޫ ހިއްސާކުރާއިރު ބައެއް ޤައުމުތައް ނުވަތަ ސަރަހައްދުތަކަށް ޚާއްސަ ކެއުންތައް ހިމެނޭކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާ ކުރިއަރައި ދިޔަނަމަވެސް މިހާތަނަށް އެއަރލައިންތަކުގެ އެއްވެސް މެނޫއަކުން ދިވެހި ކެއުމެއް ނުފެންނަކަމަށާއި، ނަމަވެސް މިއީ ނުވާނެކަމެއްނޫންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމަށް އިސްނަގައިގެން ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތަކުން މަސައްކަތްކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

"މިތަނުގައި (އެފްއެޗްއޭއެމް 2024 ގައި) އެކަމާއިމެދު ވިސްނުމަށް ވަރަށް ރަނގަޅު ތަޖުރިބާކާރުން އެބަތިބި. ކައިރި މުސްތަޤްބަލެއްގައި ތަޖުރިބާކާރުންގެ އުފެއްދުންތެރިކަމާއިއެކު އަދި އެފްއެޗްއޭއެމްގެ އިސްނެންގެވުމާއިއެކު، މަޝްވަރާތަކާއިއެކު މިކަމުގެ ހިޔާލެއް އަދި މިކަން ކުރެވިދާނެ ގޮތެއް ގެނެވިދާނެ އެއަރލައިންތަކުގައި މެނޫ ތައްޔާރުކުރާ ޝެފުންނާއިއެކު." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި 120 ސްޓޯލްއެއް ވަނީ ބަހައްޓާފައެވެ. އަދި މި އިވެންޓްގެ ތެރެއިން ކުރިއަށްދާ ކަލިނަރީ ޗެލެންޖްގައި 600 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވިވެފައެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނެއެވެ.

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ކުރިއަށްދާނީ މިމަހުގެ 23 އިން 25 އަށް ކޮންމެ ދުވަހަކު ހެނދުނު 10 އަކުން އިރުއޮއްސި 7 އަކަށް ދަރުބާރުގޭގައެވެ. 25 ވަނަ ދުވަހު އިވެންޓް އާންމުންނަށް ހުޅުވާލާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.