ޚަބަރު

މިއަހަރުގެ މިހާތަނަށް މިސްކިތް ބިނާކުރުމުގެ ހުއްދަ އަމިއްލަ 9 ފަރާތަކަށް


  • އަމިއްލަ ފަރާތަކުން މާލެއާއި ހުޅުމާލޭގައި 5 މިސްކިތް ބިނާކުރޭ

  • އަމިއްލަ ފަރަތްތަކުން ބިނާކުރި 2 މިސްކިތް މިއަހަރު ހުޅުވި

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ ހުއްދަ 9 ފަރާތަކަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެއްވައިފިއެވެ.

އަމިއްލަ ފަރާތްތަކަށް މިސްކިތް ބިނާކުރުމަށް ދީފައިގެ ހުއްދައިގެ ދަށުން، 5 މިސްކިތް ބިނާކުރަނީ މާލެ ސަރަހައްދުގައެވެ. އަދި ބާކީ 4 މިސްކިތަކީ އަތޮޅުތެރޭގައި ބިނާކުރާ މިސްކިތްތަކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތްތައް ބިނާކުރުމަށް އެ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާކުރާނެ ތަންތަން:

• ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 މިސްކިތެއް ބިނާކުރުން
• ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުން
• ބަރުބަރީ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުން
• ރ. އަލިފުށީގައި މިސްކިތެއް ބިނާކުރުން
• ހއ. އިހަވަންދޫގައި މިސްކިތެއް ބިނާކުރުން
• ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓު 2215ގައި މިސްކިތެއް ބިނާކުރުން
• ސ. ހުޅުދޫގައި އައު މިސްކިތެއް ބިނާކުރުން
• ހދ. ނޮޅިވަރަންފަރުގައި އައު މިސްކިތެއް ބިނާކުރުން

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާގެ ބެލުމުގެ ދަށުން 22 މިސްކިތެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށެވެ. އަދި އަމާޒަކީ މީގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް މިއަހަރުގެ ނޮވެންބަރުމަހަށް ނިންމުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތަކުން ބިނާކުރި 2 މިސްކިތަކާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ބިނާކުރި 1 މިސްކިތެއްވަނީ ހުޅުވާފައެވެ.