ޚަބަރު

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެމެރިކާއަށް ވަޑައިގެންފި


  • އދ.ގެ އާންމު މަޖިލީހުގެ އިތުރުން ސެކިއުރިޓީ ކައުންސިލްގައި ތަޤުރީރުކުރައްވާނެ

  • ރާއްޖެއަށް ފައިދާވާނެ ގިނަ މަޝްވަރާތަކެއް ކުރައްވާނެ

  • އދ.އިސްލާޙުކުރުމަށް ކަންކަން ހުށައަޅުއްވާނެ

އދ.ގެ އާންމު މަޖިލީހުގެ 79ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތުމުން، ޖޯން އެފް. ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައިހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން "ސަމިޓް އޮފް ދަ ފިއުޗަރ"ގައި ބައިވެރިވެވަޑައިގަންނަވާ އެ ސަމިޓުގެ މުހިންމު މަޝްވަރާތަކުގެ ރިޔާސަތުވެސް އެމަނިކުފާނު ބެލެހެއްޓެވުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ސަމިޓުގެ ހަވާސާގައި ކުރިއަށްދާ ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދައުލަތްތަކާއި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް މަޝްވަރާތައް ކުރިއަށްގެންދިޔުމަށްވެސްވަނީ ނިންމަވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މިދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދ.ގެ މެންބަރު ޤައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ހުޅުވާލާފައިވާ ބަހުޘްގައި ތަޤުރީރުކުރައްވާނެއެވެ. މިއީ ރާއްޖޭގެ ރައީސަކު އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ތަޤުރީރުކުރައްވާ ފުރަތަމަ ފަހަރެވެ.

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިންވަނީ މީޑިއާއާއި ބައްދަލުކުރައްވާފައެވެ. މިގޮތުން އެމަނިކުފާނުވަނީ މިދަތުރުފުޅުގެ ތެރެއިން ކުރައްވާނެ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް މިވަގުތު އެންމެ ފައިދާ ބޮޑުވާނީ އަދި ރާއްޖެ އޮތް ޙާލަތުން އަރައިގަނެވޭނީ ރާއްޖޭގެ ވާހަކަތައް ހިއްސާކޮށް ބައިނަލްއަޤުވާމީ ދުނިޔެއާއި ގުޅިގެންކަމަށެވެ. އަދި ދުނިޔޭގެ މަސްރަޙުގައި ހިންގަމުންދާކަންކަމުގައި ރާއްޖެއިން ދެކޭގޮތް އދ.ގެ އެކި ބައްދަލުވުންތަކުގައި އިއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އދ.ގެ މަސައްކަތް މިހާރު ބައްޓަންވެފައިވާގޮތާއި އެޖަމްޢިއްޔާ އިސްލާޙުކުރަން، ރާއްޖެއިން ހުށައަޅަން ބޭނުންވާ ޚިޔާލުތައްވެސް ހުށައަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކުރިމަގާއި ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ހިއްސާކޮށް އެފަދަ ކަންކަމުގައި ބައިނަލްއަޤުވާމީ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއިން ކުރާ މަސައްކަތް ހާމަކޮށް ރާއްޖެއަށް ލިބޭ ސަމާލުކަން އިތުރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ހުރިހާ ގޮތަކުން ރާއްޖެއަށް ފައިދާވާނެ ދަތުރުފުޅަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ އާދީއްތަ ދުވަހުއެވެ.