ޚަބަރު

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭ: ޚާރިޖީ ވަޒީރު


  • މާލީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުދި ޤައުމުތަކަށް ދަތިތައް ދިމާވާކަމަށް ވިދާޅުވި

  • އދ ގެ މެންބަރު ޤައުމަކަށް ރާއްޖެވީ 21 ސެޕްޓެންބަރު 1965 ގައި

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.

އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔެ ބަވަނަވަމުން އަންނައިރު މާލީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުދި ޤައުމުތަކަށް އެކި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށް، ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ދޭދޭ ޤައުމުތަކުގެ ގުޅުންތަކަށް އަސަރުކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކަށް ދިމާވާ މިފަދަ ދަތިތަކުން އަރައިގަނެވޭނީ އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރެވިގެން ކަމަށެވެ.

ވަޒީރުގެ ބަޔާނުގައި ވިދާޅުވީ، އދ. އިން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް އަބަދުވެސް ރާއްޖެއިން ތާޢީދުކުރާ ކަމަށެވެ. އެގޮތުން އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއަށް އދ. އިން ކުރާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.

އދގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުނީ 1965 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ވަޒީރު ވިދާޅުވީ، އދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުނު ހިސާބުން، އެ ޖަމްޢިއްޔާގައި ކުދި ޤައުމުތަކުގެ ޝާމިލުވުން އިތުރުކުރުމަށް، ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އެގޮތުން އދ. އިން ކަނޑައަޅައި ލަނޑުދަނޑިތައް ޙާސިލުކޮށް، އދ. ގެ އެންމެ މަތީ މަޖިލިސްތަކުގައި ރާއްޖެއިން އަޑު އުފުލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަދު އދ.ގެ މަޖިލިސްތަކުގައި ކުދި ޤައުމުތަކުގެ އަޑުގަދަވުމުގެ ނަތީޖާއަކީ އޭރު ރާއްޖެއިންކުރި މަސައްކަތްތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި އަމާންކަން ޤާއިމްކުރުމަށާއި ކޮންމެ ޤައުމެއްގެވެސް ދެމެހެއްޓެނިވި ތަރައްޤީއަށް އަޑުއުފުލުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށެވެ.

އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރިފާވާއިރު، ރާއްޖެއިންވަނީ އދ. ގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2021 ވަނަ އަހަރު، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއިން ކޮށްފައިވެއެވެ. އެ ދައުރު ތެރޭގައި ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ބޭއްވި 11 ވަނަ އިމެޖެންސީ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ޚަރީޖީ ވަޒީރު އަދި އޭރުގެ އދ. އާންމު މަޖިލީހުގެ ރައީސްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައިވެސް ރާއްޖެއިންދަނީ އދ. ގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަލަސްޠީނުގެ ލޮބުވެތި މުސްލިމް އަޚުންނަށް ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާ ދެކޮޅަށް އދ.ގެ ބައްދަލުވުންތަކުގައި ރާއްޖެއިންދަނީ ހުއްޓުމެއްނެތި އަޑު އުފުލަމުންނެވެ.