ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް، އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު ތައާރަފްކުރި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދޭނެއެވެ.
މިއެޕްލިކޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަ އަދި ލުއިގޮތަކަށް ހަމަޖައްސައިދިނުމުގެ ގޮތުން ޑިޖިޓަލް ހައްލުތަކަށް އިންވެސްޓްކުރުން ކުރިއަށްގެންދާނެ ކަމަށެވެ. މިއެޕްލިކޭޝަނަކީ އެސްއެމްއީތަކުގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށް، ފަސޭހައިން ލިބޭ، ހަލުވި އަދި ކަސްޓަމަރުންނަށް އިސްކަންދޭ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ހެއްކެއްކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށްވުމަށް ކުރާ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.
• އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތަކަށް އެދެވޭނެ
• ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ވަގުތުން ބަލާލެވޭނެ
• ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރެވޭނެ
• ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކޭނެ
• ވަގުތުން ނޮޓިފިކޭޝަންތަކާއި މުހިންމު އަޕްޑޭޓްތައް ލިބޭނެ
• އެސްއެމްއީ ޑިޖިޓަލްއާ މުއާމަލާތްކުރެވޭނެ
ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކާއި ފައިދާތައް ހޯދައިދިނުމަށްޓަކައި އައު ފީޗަރތަކާއި ޚިދުމަތްތައް އެޕަށް އިތުރުކުރަމުންދާނެ ކަމަށެވެ. މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކޭނެ ފަދަ މާކެޓް ޕްލޭސެއް ހިމެނެއެވެ.
"އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް". އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެއެވެ. އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އަދި ކަސްޓަމަރުންގެ އެކައުންޓަށް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގާނެއެވެ.
މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތްތައް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ފުޅާ ތަސައްވަރުގެ ބައެއް ކަމަށް އެސްއެމްއީން ވިދާޅުވެއެވެ.