ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުންފުނިތަކުން ހަކަތައިގެ އޮޑިޓެއް ހެދުން މުހިންމުކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ "މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
"މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވީ، 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުން ރާއްޖެއިން އަހަރަކު 2030 ކިލޯ ޓަނުގެ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ ކަމަށެވެ. އަދި މީގެ ތެރެއިން 30 އިންސައްތަ ގޭހަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކުގެ ދާއިރާއިން ޖައްވަށް ދޫކުރާ ގޭސްކަމަށްސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ވިދާޅުވިއެވެ.
ޢަލީ ޝަރީފް ވިދާޅުވީ ތިމާވެށްޓާ ރައްޓެހިވުމަށް ކުންފުނިތަކުން ޕްރޮގުރާމްތައް ފަށާއިރު އެ ކުންފުންޏަކުން ޖައްވަށް ދޫކުރެވޭ ގޭސްތަކުގެ މިންވަރު ދެނެގަންނަންޖެހޭ ކަމަށެވެ. އެގޮތުން އެމިޝަން ދޫކުރާ ވަރު ބެލުމަށް ހަކަތައިގެ އޮޑިޓެއް ހަދައި، އެންމެ ބޮޑަށް ކަރަންޓު ޚަރަދު ބޮޑުވާ ދާއިރާތަކުން ޚަރަދު ކުޑަކުރަން މަސައްކަތްކުރަންޖެހޭ ކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ.
"ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ތިމާވެށީގެ ކަންކަމުގައި ކުންފުނިތަކަށް މާލީ އެހީތެރިކަންދޭއިރު އެބަ ބަލައި ކުންފުނިތަކުން ތެޔޮ އަންދާ މިންވަރު ކުޑަ ކުރުމަށް ކޮންކަހަލ މަސައްކަތްތަކެއްތޯ ކޮށްފައިހުރީ. މިފަދަ އޮޑިޓުތައް ހަދައިގެން ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކޮށްގެން މިފަދަ ފަންޑުތައް ބޮޑަށް ލިބޭނީ." އަލީ ޝަރީފް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ގްރީން އިނިޝިއޭޓިވް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، އަލަށް ފެށުނު މި ޕްރޮގުރާމާއެކު ކުންފުނީގެ އިދާރީ ކަންކަމާއި އިޖުތިމާޢީ ހުރިހާ ކަމެއް ތިމާވެށްޓާ ރައްޓެހި ކުރެވޭނެ ކަމަށެވެ. އަދި އަމާޒަކީ އައިލެންޑް އޭވިއޭޝަނަކީ ވީހާވެސް ތިމާވެށްޓާ ރަޙުމަތްތެރި ކުންފުންޏަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.
"ކުންފުންޏަކީ ތިމާވެށްޓާ ރައްޓެހި ތަނަކަށް ހެދުމަށް މިއަދު ފެށިގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނެ. އަދި ކުންފުނީގެ މުވައްޒަފުންގެވެސް މަސައްކަތްތައް ބައްޓާންވާނީ ތިމާވެށްޓާ ރައްޓެހި ގޮތަކަށް." ޢަލީ ސަލީމް ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ ގްރީން ހޮރައިޒަން އިނިޝިއޭޓިވްގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޕާލޭ މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާޟެވެ. ޕާލޭގެ ފަރާތުން ސޮއިކުރެއްވީ ޖަމްޢިއްޔާގެ ވެރިޔާ ޙަމްދޫން ޙަމީދެވެ.
ގްރީން އިނިޝިއޭޓިވް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ޑޮކް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.