ޚަބަރު

ސިޓީއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އާޓެޓާ


އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނީ އެ ޓީމު ބަލިކޮށް، ތިން ޕޮއިންޓް ހޯދުމަށް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައިވަނީ މި މެޗުން ސިޓީ ބަލިކޮށް ތިން ޕޮއިންޓް ހޯދުމަށް ޓީމު ތައްޔާރުކޮށްފައިވާ ކަމަށާއި، އަދި އެންމެ ފަހުން އެ ޓީމުން ކުޅުނު މެޗުގައި ކަންތައްތައް ކުރިގޮތަށް ވުރެ ރަގަޅަށް މި މެޗުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް ހުއްޓުވުމާއި ގުޅޭ ގޮތުން އާޓެޓާ ބުނެފައިވަނީ މި ސީޒަނުގައި ޖަހާފައިވާ ލަނޑުތަކާއި އަދި ދައްކަމުންދާ ކުޅުމަށް ބަލާއިރު، އޭނާ ހުއްޓުވުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށާއި، އަދި މެޗެއް ކާމިޔާބުކުރަން ބޭނުންވާނަމަ ބައިކޮޅަށް ލަނޑު ވަނުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ލީގު ޗެމްޕިއަންކަމަށް ސިޓީއާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ އާސެނަލުންނެވެ. އެހެންކަމުން ސީޒަނުގެ ކުރީކޮޅު ސިޓީ ކަހަލަ ޓީމެއްގެ އަތުން މޮޅުވެ ތިން ޕޮއިންޓް ލިބުމަކީ އެ ޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

އަދި ސިޓީ ފަދަ ވަރުގަދަ ޓީމެއް ބަލިކޮށް ޕްރިމިއަރ ލީގު ހޯދުމަށް އާސެނަލުން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ނުވަތަ އުއްމީދެއް ހޯދުމަކީ އާޓެޓާގެ އެންމެ މުހިންމު އެއް ބޭނުމެވެ. އާސެނަލަށް ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވޭތާ މިހާރު 20 އަހަރު ވަނީ ވެފައެވެ.