ޚަބަރު

މަސްވެރިކަމުގެ މަސައްކަތްތަކަށް މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ވޯލްޑްބޭންކާއެކު މަޝްވަރާތަކެއް


  • މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވޯލްޑް ބޭންކާއެކު މަޝްވަރާތަކެއް ބާއްވާފައި

މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް މާލީ އެހީ ލިބޭނެ ގޮތްތައް ހޯދުމަށް މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަށް ވޯލްޑް ބޭންކުގެ ޓީމެއް ރާއްޖެ އަންނާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކަމާއި ގުޅުންހުރި ފަރާއްތަކާއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތަކާބެހޭ ވުޒާރާއިން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެއެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ވޯލްޑް ބޭންކުން ފަންޑުކޮށްގެން އެ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިފްކޯއަށް ގަންނަ މަހުގެ %65 އަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް މި އަދަދު މަދުކުރުން ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ 3 ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ގާއިމުކުރުމަށް މިހާރު ވަނީ މަސައްކަތް ފަށާފައިކަމަށެވެ. އަދި ކުންފުނިތަކުގައި ބޭނުންކުރާ ތެލުގެ %35 ޚަރަދު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ ވޯލްޑް ބޭންކްއިން ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރިކަމަށެވެ. އެގޮތުން އެ ވުޒާރާއާ ގުޅިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަށް ވޯލްޑް ބޭންކުގެ ޓީމެއް ރާއްޖެ އަންނާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބާއްވަމުންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް އިފާޑުއާއެކުވެސް ވަނީ ބައްދުކޮށްފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަން ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވައި މެރިކަލްޗަރ ތަރައްގީކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. މީގެއިތުރުން އެ ވުޒާރާއިން ވަނީ މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވާ، އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތައް ހިއްސާކުރައްވާފައެވެ.