ޚަބަރު

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ: ވަޒީރު ޑރ. މާރިޔާ


  • ލޯނު ފައިސާ ދޫކުރުން ލަސްވަނީ ދަރިވަރުންގެ ލިޔެކިޔުން ހުށައެޅުން ލަސްވާތީ

  • މިއަހަރު 180 މިލިޔަން ރުފިޔާގެ ލޯނު ފައިސާ ގޮތުގައި ދޫނުކުރެވިވޭ

މިއަހަރުގެ ތެރޭގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ ތަޢުލީމާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، މިހާރު މަތީ ތަޢުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ލޯނު ފައިސާ ހަމަޖެހުން ލަސްވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދިޔަ ނަމަވެސް، ލޯނު ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 473 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މަތީ ތަޢުލީމަށް ކިޔެވުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނު ފައިސާ ދޫކުރުން ލަސްވަނީ އިދާރީ ގޮތުން ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަތީ ތަޢުލީމަށް ކިޔެވުމަށް ދަރިވަރުންނަށް ލޯނު ދޫކުރަނީ ކޮންމެ 6 މަހަކުން އެއް ފަހަރުއެވެ. އެހްނަކަމުން ދަރިވަރުން ކިޔަވަމުންދާކަން ޔަޤީންކުރުމުގެ ގޮތުން އެ ދަރިވަރަކު ކިޔަވާ ޔުނިވަރސިޓީއެއްގެ ލިޔުމެއް މަތީ ތަޢުލީމާބެހޭ ވުޒާރާއަށް ހުށައަޅަންޖެހޭނެއެވެ.

ވަޒީރު ޑރ. މާރިޔާ ވިދާޅުވީ، ފައިސާ ދޫކުރުމަށް އޮންނަ މަރުޙަލާތައް ކަނޑަތުކުރުމަށް އެކަށީގެންވާ މުއްދަތެއް ނުދީ ބައެއް ދަރިވަރުން ލިޔެ ކިޔުން ހުށައެޅުމުންވެސް ލޯނު ދޫކުރުން ލަސްވާ ކަމަށެވެ.

"އަޅުގަނޑުމެން އެކި ސެކްޝަންތަކުންވެސް މުވައްޒަފުން ބޭނުންކޮށްގެން މިދަނީ ލޯނު ދޫކުރުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އިލްތިމާސަކީ ހުށައަޅަންޖެހޭ ލިޔެކިޔުންތައް، ފައިސާ ޕްރޮސަސްކުރުމަށް ވަގުތު ދީފައި ހުށައަޅާށޭ. އޭރުން ގިނަ ދަރިވަރުންތަކަކަށް ލޯނު ހަމަޖައްސާއިރު ފަސޭހަވާނީ." ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަން ވަނީ އަލަށް މަތީ ތަޢުލީމަށް ކިޔަވަން ދަރިވަރުންނަށް ލޯނު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާގޮތަށް އަލިއަޅުވާލައްވާފައެވެ.

ޑރ. ޢަބްދުއްރަޙީމް ޙަސަން ވިދާޅުވީ ކޮންމެ ކުއްޖަކަށްވެސް ކިޔެވުމަށް ލޯނު ލިބޭކަން އެންގުމަށްފަހު ކިޔަވަން ފަށަން 18 މަސް ދުވަހުގެ މުއްދަތެއް ލިބޭ ކަމަށެވެ. އަދި ވުޒާރާއަށް އެ ދަރިވަރަކު ކިޔަވަން ފަށަން އުޅޭކަން އިނގޭނީ ލިޔެ ކިޔުންތައް ހުށައެޅުމުން ކަމަށްވިޔަސް، ބައެއް ދަރިވަރުން ވަގުތު ކުޑަތަންވުމުން ލިޔެ ކިޔުން ހުށައަޅާ ކަމަށެވެ. މިގޮތަށް ޢަމަލުކުރުމުން ގިނަ ދަރިވަރުންތަކަކަށް ފައިސާ ދޫކުރާއިރު ދަތިތަކާ ކުރިމަތިލާންޖެހޭކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މައި އެޑިޔު ޕޯޓަލްއިން ކުދިންނަށް އެބަ އެނގޭ ލޯނު ލިބެންޏާ. ދެން ކުދިން ލިޔެ ކިޔުން ހުށައެޅީމަ، އެ އެޕްރޫވްކޮށްފައި މީރާގެ ޕޯޓަލެއް ބޭނުންކުރަނީ ފައިސާ ހަމަޖައްސަން. ދެން ސެޕް ކިޔާ ނިޒާމެއް ބޭނުންކޮށްގެން ކުދިންނާ ހަމައަށް ފައިސާ ދަނީ. އެހެންވީމަ ބޮޑު ޕްރޮސަސްއެއް އެބައޮތް. އެހެންވީމަ އަޅުގަނޑުމެން ލަފާދެނީ އެކަށީގެންވާ ވަގުތު އޮއްވާ ލިޔެ ކިޔުން ހުށައަޅާށޭ." ޑރ. ޢަބްދުއްރަޙީމް ޙަސަން ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިމަހުގެ ތެރޭގައި އަލަށް ކިޔަވަން 214 ކުދިން ފުރާނެ ކަމަށެވެ. އޭގެތެރެއިން ކުދިންނާ ހަމައަށް ފައިސާ ދޫކުރެވިފައިވަނީ 74 ކުއްޖަކަށް ނަމަވެސް، ގިނަ ކުދިންނަށް ފައިސާ ދޫކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން ނިމިފައިވާކަމަށް ޑރ. ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މިއަހަރު ލޯނަށް ދޫނުކުރެވި ހުރި ފައިސާގެ އަދަދު 180 މިލިޔަނަށް އަރައެވެ. ނަމަވެސް ހުރިހާ ދަރިވަރުންނަށްވެސް ލޯނަށާއި ސްކޮލާޝިޕްތަކަށްވާ ފައިސާ ދޫކުރާނެކަމުގެ ޔަޤީންކަން މަތީ ތަޢުލީމާބެހޭ ވުޒާރާއިންވަނީ ދެއްވާފައެވެ.