ޚަބަރު

ސެލޫންތަކާއި ސްޕާތައް އިންސްޕެކްޓްކޮށް، 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށްފައިވޭ

  • ވަޒީފާ ދިން 7 ފަރާތަކަށްވެސް ނޯޓިސް ވަނީ ދީފައި

މާލެ ސަރަޙައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ އިއްޔެކަމަށާއި، އޮޕަރޭޝަންގައި އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ޓީމެއްވެސް ހަރަކާތްތެރިވެފައިވާކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީ އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެފަރާތްތަކަށް ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 7 ފަރާތަކަށް ނޯޓިސްދީފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހިންގާ ޚާއްސަ އޮޕަރޭޝަނުގައި އިމިގްރޭޝަނާއެކު ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ފާއިތުވި މުއްދަތުގެ ތެރޭގައިވެސް މާލެއާއި މާލޭ ސަރަޙައްދުގައި ބިދޭސީން ހަރަކާތްތެރިވާ އެކި ތަންތަނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ވަނީ ތަފާތު އޮޕަރޭޝަންތައް ހިންގާފައެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.