ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ ޖުލައިމަހު ހައްޔަރުކުރި މެލޭޝިއާ މީހުން އުޅުނީ އިތުރު ބަޔަކާއި ގުޅިގެން އިނގިރޭސިވިލާތަށް މަސްތުވާތަކެތި އެތެރެކުރަންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ ޖުލައިމަހު ވަނީ މެލޭޝިއާގެ ދެ މީހުން ކަމަށްވާ އެން ޖީ ތަމް ލިޕާއި ކޯ ހުއާން ބޫން ހައްޔަރުކޮށްފައެވެ.
އިސްކަންދަރުކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޑެންޓެޑް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މި މައްސަލާގައި ހިމެނޭ އެން ޖީ ތަމް ލިޕާއި ކޯ ހުއާން ބޫން ހައްޔަރުކުރީ ޖުލައި 27 ވަނަ ދުވަހު މެލޭޝިއާއިން އައި އެމިރޭޓްސް ފްލައިޓެއްގައި އިން މެލޭޝިއާގެ މީހެއްގެ އަތުން 13.5 ކިލޯގެ ކެނަބިސް ފެނުމުން ކުރިއަށްގެންދިޔަ ތަހުގީގެއްގެ ތެރެއިންކަމަށެެވެ.
"މި މައްސަލާގައި ދެން ހައްޔަރުކުރި ކޯ ހުއާން ބޫން އަކީ އެ ތަކެއްޗާ ރާއްޖެއިން ހަވާލުވެ، ރީޕެކްކުރުމަށް ފަހު، އެ ތަކެތި ރާއްޖެއިން ބޭރުކުރަން ހަމަޖައްސާފައި ހުރި މީހާ. މި ދެ މީހުންނަކީ ވެސް ޚާއްސަކޮށް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެމީހުން" ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ އެ ދެ މީހުންނާއި އެހެން ބަޔަކު މުއާމަލާތް ކުރުމަށް ވީޗެޓް ގްރޫޕެއް ވެސް ހަދާފައިވާ ކަމަށާއި އެ ގްރޫޕްގައި ހަތް މީހަކު ތިބިކަމަށެވެ.
ނާހިދު ވިދާޅުވީ އެ ނެޓްވޯކްގައި ހިމެނޭ މީހުންގެ މުއާމަލާތްތަކުން އެއީ ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން ހިންގާ ނެޓްވޯކެއް ކަމަށާއި، ރާއްޖެއަށް ގެނައި މަސްތުވާތަކެއްޗަކީވެސް ޕެކިން ބަދަލުކޮށްގެން އިނގިރޭސިވިލާތަށް ގެންދަން ރާވާފައިވާ ތަކެތިކަން އެނގުނު ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ މީހުން ނިސްބަތްވާ ގައުމުތަކާ ވާހަކަދައްކައިގެން، އިންޓަޕޯލްއާވެސް ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޑެންޓެޑް އޮފް ޕޮލިސް ނިހާދު ހުސެއިން ވިދާޅުވިއެވެ.