ޚަބަރު

މަހެއްހާ ދުވަސްވަންދެން މީހަކު ރަހީނުކޮށް، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް!


  • ރަހީނުކޮށްގެން ގެންގުޅުނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ ރަހީނުކުރި މީހުންގެ ތެރޭގައި ދެ ސިފައިންގެ މީހުންވެސް ހިމެނޭ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލައިގައި ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެމީހާ ރަހީނުކޮށްގެން ގެންގުޅުނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން 25އާ ހަމައަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ރަހީނުކޮށްފައި އޮތް މީހާއަށް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށެވެ. އަދި މިކަން ފުލުހުންގެ ސަމާލުކަމަށް އައީ ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އޭނާގެ މަންމައާއެކު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމުން، އެތަނުގައި ތިބި ފުލުހުން އިތުރަށް ސުވާލުކުރުމުންކަމަށްވެސް ޝިފާޢު ވިދާޅުވިއެވެ.

"އޭނާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރާ ވައަތު ލޯ ދުޅަވެ ނޫފައިގަނެފައި ހުރި. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތައް ފެންނަން ހުރި" ޝިފާއު ވިދާޅުވިއެވެ.

އަނިޔާ ލިބުނު ފިރިހެން މީހާ ލައްވާ މަސްތުވާތަކެތި ވިޔަފާރި ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާ ރަހީނު ކޮށްގެން ގެންގުޅުނު ދެ އެޕާޓްމަންޓުގައި މަސްތުވާތަކެތި ވިޔަފާރިކުރަން ބޭނުންކުރާ ތަކެތި ފެނިފައިވާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. އަދި އެ އެޕާޓްމަންޓު ތެރެއިން ފެނުނު ވޮލެޓަކުންވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ފެނުނު ކަމަށާއި މީގެއިތުރުން ބަނގުރާ ހުސްކުރި ތިން ފުޅިވެސް ފެނިފައިވާކަަމަށް ޝިފާއު ވިދާޅުވިއެވެ.

އުމުރުން 30 އަހަރުގެ މި ފިރިހެންމީހާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނަކީ:

• އަލީ ސާމީ، 24އ، ރ.ކަނދޮޅުދޫ، މެހުރާ
• އަހްމަދު ސާއިފް ވަހީދު، 18އ، ގދ. ގައްދޫ، ހުދުވެލި
• މުޙައްމަދު ނައުޝާދު ހުސައިން، 21އ، ތ. ތިމަރަފުށި، އުތުރުގެއާގެ
• މުޙައްމަދު ނަފާހު، 23އ، ކ. މާފުށި، ފުލްމޫން
• އަޙްމަދު ޒަޔާން، 24އ، ލ. ގަން، ތުނޑި ލިންކް

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހިމެނޭ ނަފާހު އާއި ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ ދެމީހުން ކަމަށާއި އެ މައުލޫމާތު އެމްއެންޑީއެފްއާ މިހާރު ހިއްސާކޮށްފައިވާކަމަށެވެ.

މައްސަލާގައި ހިމެނޭ ނަފާހު ފިޔަވައި ބާކީ ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބިއިރު، ނަފާހު ބަންދުކުރަން އަމުރުކޮށްފައިވަނީ ތަހުގީގު ނިމެންދެންކަން ޝިފާއު ފާހަގަކުރެއްވިއެވެ. އަދި މި މައްސަލާގައި 18 އަހަރުން ދަށުގެ ތިން ކުދިން ހިމެނޭތީ އެކަންވެސް ބަލަމުންދާކަމަށް ޝިފާއު ވިދާޅުވިއެވެ.