ޚަބަރު

ފުލުހުންގެ މުއައްސަސާގެ %20އަކީ އަންހެނުން


  • މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އުފެއްދީ 2020 ވަނަ އަހަރު

ދިވެހި ފުލުހުންގެ މުއައްސަސާގެ 20 އިންސައްތައަކީ އަންހެން މުވައްޒަފުންކަމަށް އެ މުއައްސަސާއިން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި، ތަފާތު އެކި ދާއިރާތަކުގައި އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް އަންހެން ފުލުހުންނާއި އަންހެން މުވައްޒަފުން ދަނީ ކުރަމުންނެވެ. އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހުންނާއި، އަންހެން މުވައްޒަފުން ބާރުވެރިކުރުވައި އޮޕަރޭޝަނަލް އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުން އިތުރުކުރުވުމަށް މޯލްޑިވްސް ވިމެން އިން ޕޮލިސިންގ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ވަނީ އުފައްދަވާފައެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީއަކީ މަސައްކަތުގެ މާހައުލަށާއި ސިޔާސަތުތަކަށް ބަދަލުތައް ގެނައުމުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި އަންހެން މުވައްޒަފުންގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. އަދި ރެކްރޫޓުކުރެވޭ އަންހެން ފުލުހުން އިތުރުކޮށް މުއައްސަސާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުވުމާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި ފަހި މާހައުލަކަށް ހެދުމާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އިތުރުން މުއައްސަސާގައި ނިންމާ ނިންމުންތަކުގައި އަންހެން
މުވައްޒަފުން ބައިވެރިކުރުވުމާއި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުން ވެސް ކޮމިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ފުލުހުން ވިދާޅުވީ އެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 20 އިންސައްތަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުން ކަމަށެވެ. އަދި 10 އިންސައްތަ މުވައްޒަފުންނަކީ މެނޭޖީރިއަލް ލެވެލްގައި މުއައްސަސާގައި މަސައްކަތްކުރަމުން އަންނަ އަންހެން މުވައްޒަފުންނެވެ. އަދި 19 އިންސައްތަ މުވައްޒަފުންނަކީ ފްރޮންޓްލައިން އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ އަންހެން މުވައްޒަފުންނެވެ. ހަމައެހެންމެ 16 އިންސައްތަ އަންހެން މުވައްޒަފުން ޓެކްނިކަލް އެންޑް ފޮރެންސިކް ބަހާގައި މަސައްކަތްކުރަމުންދެއެވެ. އަދި 10 އިންސައްތަ އަންހެން މުވައްޒަފުން ހަރަކާތްތެރިވަމުންދަނީ އިންވެސްޓިގޭޝަން ދާއިރާގައެވެ.

ފުލުހުންގެ މުއައްސަސާގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެން މުވައްޒަފުންގެ ބަސް، ބައިވެރިވުން އަދި އިސް ނެގުމާއި މަސައްކަތްތެރިކަންދަނީ ފެންނަމުންނެވެ. އަދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ފަރާތުން އަންނަނީ އަންހެނުން ބާރުވެރިކުރުވުމާއި ބައިވެރިވުން އިތުރުކުރެވޭނެ މަގު ހޯދުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އަންހެނުންގެ ގާބިލުކަމާއި ތަޖުރިބާތައް އިތުރުވަމުންދާ ވަރަކަށް އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންހެން މުވައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އަންހެން ފުލުހުން އަދި މުވައްޒަފުން ބިނާކޮށް ފުލުހުންގެ ވަޒީފާގައި ދެމިތިބުމަށް ބާރުއަޅައި ކުރިއަށް ދިއުމުގައި ހިތްވަރުދީ، ކެރިއަރ ޕާތުވޭ އަދި ކެރިއަރ ގައިޑަންސް ދިނުމަކީ ވެސް ކޮމިޓީން ކުރަމުން ގެންދާ މަސައްކަތެއްކަމަށް ފުލުހުން ވިދާޅުވެއެވެ.