ޚަބަރު

ހުޅުމާލެއިން ޕާކިންއަށް 1،000 އަށްވުރެ ގިނަ ޖާގަ ދޫކުރަނީ


  • 8 ޕޮކެޓް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރާނެ

  • މަހަކު 2000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ

ހުޅުމާލޭގެ "ޕޮކެޓް ޕާކިން" ޒޯނުތަކުން ޖާގައަށް އެދުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އާންމުންނަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 8 ޕޮކެޓް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރާނެއެވެ. މި ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށް ކަމަށާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 2،000 ރުފިޔާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް މި ޕާކިން ޖާގަތަކަށް ކުރިމަތިލެވޭނެއެވެ. ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަންޖެހެއެވެ. އަދި ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންޖެހެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ މި ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. އެއަށްފަހު، ހުޅުމާލެ ފިޔަވައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެއެވެ.

ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު:

1. ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
2. ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
3. މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން

މި ޕާކިން ޒޯނުތަކުން ޕާކުކުރާނެ ޖާގަ ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައަޅާނީ، އެ ޒޯނަކުން ޕާކިން ޖާގައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންނެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕާކިން ޒޯނުތަކުން ޖާގަ ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. އެޗްޑީސީން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން ފޯމު ބަލައިގަންނާނެ ކަމަށެވެ.