ޚަބަރު

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭން ޒުވާނުންނަށް ގެނެސްދެނީ އުންމީދު: ބީސީސީގެ އެމްޑީ ޟިޔާއު


  • މި އެކްޝަން ޕްލޭން ލޯންޗްކުރީ ރޭގައި

  • މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭން ވެގެންދާނީ މި ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އުންމީދުން ފުރިގެންވާ އެކްޝަން ޕްލޭނަކަށްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ދިވެހިންގެ ފަންނުވެރި އިޤްތިޞާދުގެ ސްޓްރެޓެޖީއާއި ފަންޑު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭންއާއި ކްރިއޭޓިވް އިކޮނޮމީ ފަންޑުން އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި އެކްޝަން ޕްލޭންގެ ތެރެއިން ކްރިއޭޓިވް އިކޮނޮމީއާގުޅޭ އިސްތިރާޖުތައް ކަނޑައަޅާ އެކަންކަން ތަންފީޒުކުރުމަށް މަސައްކަތް ކުރާނެއެވެ. މި އެކްޝަން ޕްލޭން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގެ 78 ވަޢުދެއް ހިމެނޭނެ ގޮތަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭން އެކުލަވާލުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިން ލިބުނުކަމަށެވެ. އޭގެތެރޭގައި ނޭޝަނަލް ކްރިއޭޓިވް އިކޮނޮމީ ތަމްސީލްކުރައްވާ ވުޒާރާތަކާއި، ނޭޝަނަލް ކްރިއޭޓިވް އިކޮނޮމީގެ މެންބަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށެވެ. މި އެކްޝަން ޕްލޭން ވެގެންދާނީ ހުނަރުވެރި މަސައްކަތްތެރި ޒުވާނުންނަށް ވަރަށް އުންމީދީ އެކްޝަން ޕްލޭނަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކްރިއޭޓިވް އިކޮނޮމިކް އެކްޝަން ޕްލޭންއަކީ ގިނަ ޒަމާންތަކެއް ވަންދެން ހުނަރުވެރި ފަންނުވެރި ކްރިއޭޓިވް މަސައްކަތްތަކުގެ ދާއިރާތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ޚާއްސަކޮށް ޒުވާން މަސައްކަތްތެރިންނަށް އުންމީދުން ފުރިގެންވާ އެކްޝަން ޕްލޭންއަކަށް ވެގެންދާނެކަން ހަމަ ޔަޤީން. ކްރިއޭޓިވް އިކޮނޮމިކް ފަންޑު ވެގެންދާނީ ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވޭ މުހިންމު ފުރުސަތަކަށް." ޟިޔާއު ވިދާޅުވިއެވެ.

ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ފަންޑުގެ ތެރެއިން 4 ދާއިރާއަކުން އެހީތެރިކަން ލިބޭނެއެވެ. އެއީ ފިލްމް އުފެއްދުމަށާއި، މިއުޒިކް އުފެއްދުމަށާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާ ކަމަށް ބީސީސީން ވިދާޅުވެއެވެ.