ޚަބަރު

ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފްތިތާހުކޮށްފި، ތިންލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ


  • މި ފަންޑުގެ ތެރެއިން 4 ދައިރާއަކަށް އެހީ ލިބޭނެ

  • މި ފަނޑަށް އެޕްލައިކުރުމުގެ ފުރުސަތު އޮކްޓޯބަރ 10 ގައި ލިބޭނެ

ރާއްޖޭގެ އީޖާދީ އަދި ފަންނުވެރި ފަރާތްތަކަށް އަމާޒުކޮށްގެން، ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން ތަޢާރަފްކޮށްފިއެވެ.

މި ފަންޑް އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން އިފްތިތާޙްކޮށްފައިވާ މި ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ފަންޑުގެ ތެރެއިން 4 ދާއިރާއަކުން އެހީތެރިކަން ލިބޭނެއެވެ. އެއީ ފިލްމް އުފެއްދުމަށާއި، މިއުޒިކް އުފެއްދުމަށާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާއާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާ ކަމަށް ބީސީސީން ވިދާޅުވެއެވެ. އަދި އަންނަ އަހަރު ތެރޭގައި، ފަންޑު ފުޅާކޮށް އިތުރު ދައިރާތަކަށް ފުރުސަތު ފަހިކޮށްދެވޭނެކަމަށް ބީސީސީން ވިދާޅުވެއެވެ.

ބީސީސީން ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ތެރެއިން ލޯނު ލިބޭ ފަރާތްތަކަށް، މި ސިނާޢަތުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބަލައި ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމުގެ ލުއިގޮތްތަކެއް އެފަރާތްތަކަށް ދޭވޭނެ ކަމަށް ބީސީސީން ފާހަގަކުރެއެވެ. މީގެ އިތުރުން ވަކި ޕްރޮޖެކްޓުތަކަށް ފައިނޭންސް ކޮށްދޭއިރު، މި ފަންޑު އަމާޒުކުރާނީ ފްރީލާންސަރުންނަށާއި، އުފެއްދުންތެރި އެންމެ ކުދި ވިޔަފާރިތަކަށެވެ.

މިފަންޑުގެ އެހީތެރިކަމަށް އެދުމަށް އަންނަ އޯކްޓޫބަރ މަހުގެ 10 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ފަންޑު އިފްތިތާޙުކުރުމުގެ އިތުރުން ކުރިއަށް އޮތް 5 އަހަރަށް ކްރިއޭޓިވް އިކޮނޮމީގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަގުޗާޓެއްވެސް މި ރަސްމީއްޔާތުގެ ތެރެއިން އިފްތިތާހްކޮށްފައިވެއެވެ. މި މަގުޗާތުވެސް އިފްތިތާޙްކޮށްދެއްވީ ވަޒީރު ސަޢީދެވެ.

މި މަގު ޗާޓުގެ ތެރެއިން ކްރިއޭޓިވް އިކޮނޮމީއާއި ގުޅޭ އިސްތިރާޖުތައް ކަނޑައަޅާ އެކަންކަން ތަންފީޒުކުރުމަށް މަސައްކަތް ކުރާނެއެވެ. މިމަގުޗާޓު އެކުލަވާލެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގެ 78 ވަޢުދެއް ހިމެނޭނެ ގޮތަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިގޮތުން މި މަގުޗާޓުގެ ތެރެއިން، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުން އިތުރުކުރުމާއި، އުފެއްދުންތެރިން ހައްޤުތަކާއި އުފެއްދުންތައް ހިމާޔަތްކުރުމަށް ޤާނޫނީ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެއެވެ. އަދި ދިވެހި ސަޤާފަތަށް އިސްކަންދީ ދެމެހެއްޓެނިވި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް މަސައްކަތް ކުރެވޭނެއެވެ.